އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރަ އާ ގުޅޭގޮތުން އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެެ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ޕޭމަންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން ހައްވާ ލަތީފު ވިދާޅުވެފައިވަނީ އާ ޕޭމަންޓް ސިސްޓަމްގެ އެޕްލިކޭޝަންގައި މިހާރު ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން މުޅިން އާ ހިދުމަތްތައް ހިމެނޭނެ ކަމަށެވެ.
ހައްވާ ލަތީފު ވިދާޅުވީ ފަވަރައިގެ އެޕްލިކޭޝަން ތައްޔާރު ކުރަނީ ރެޑިލީ މޭޑް ވައިޓް ލޭބަލް އެޕްލިކޭޝަނެއްގެ ގޮތުގައި ކަމަށެވެ. ވައިޓް ލޭބަލް އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ޑިޒައިންކޮށްގެން ނެރޭ އެޕްލިކޭޝަން ކަމަށާއި އެ އެޕްލިކޭޝަނުން ކިއުއާރް ކޯޑު ބޭނުންކޮށްގެން ޕޭމަންޓްތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްވާ ލަތީފު ވިދާޅުވި ގޮތުގައި ދެވަނަ މަރުހަލާގައި ފަވަރަ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދޭނެ ކަމަށާއި މިހާރު އީ-ވޮލެޓްތަކުގެ ހިދުމަތް ދެމުން އަންނަ އުރީދޫ އާއި ދިރާގާ އެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ފަވަރަ އައިޑީއިން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން ފަސޭހަކަމާ އެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމުގެ މަގުފަހިކޮށްދޭ ކަމުގައެވެ. އަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަން ޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ފަވަރައިން ހިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެއް ކަމަށެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މި ވަގުތު މި ހިދުމަތް ލިބޭނީ މި ތިން ބޭންކުގެ މެދުގައި ހިންގާ މުއާމަލާތްތަކަށް ކަމަށެވެ.
އެމްއެމްއޭއިން ބުނީ ފަވަރައިގެ ހިދުމަތް ފަށާފައިވާއިރު މި ވަގުތު ފަވަރަ ޓްރާންސްފައެއް ކުރެވޭނެ އެންމެ މަތީ އަދަދު ކަމުގައި ކަނޑައަޅާފައިވަނީ 50،000 ރުފިޔާ ކަމަށާއި ފަވަރަ ރިކުއެސްޓެއް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާ ކަމަށެވެ.