ads
އަލީ ވަހީދު މަތިވެރީގައި ވާހަކަ ދައްކަވަނީ---ފޮޓޯ:ޖޭޕީ
ގާނޫނާ ހިލާފު ކަމަކަށް ރައީސް ސޯލިހު އަމުރެއް ނުކުރައްވާ: އަލީ ވަހީދު
ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ދުވަހަކު ވެސް ގާނޫނާ ހިލާފު ކަމަކަށް އަމުރު ކުރައްވާފައި ނުވާ ކަމަށް އެމަނިކުފާނުގެ ކެބިނެޓުގެ ފުރަތަމަ ޓޫރިޒަމު މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
Advertisement

އއ.އަތޮޅަށް ޖޭޕީން ކުރަމުން ގެންދާ ދަތުރުގައި މަތިވެރީގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ މިހާރު ހުރީ ރައީސް ސޯލިހުގެ ވާދަވެރިއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ވަޒީރު ކަމުގައި ހޭދަ ކުރެއްވި 19 މަސް ދުވަހު ވެސް ރައީސް ސޯލިހު ގާނޫނާ ހިލާފު ކަމަކަށް އަމުރު ކުރައްވާފައި ނުވާ ކަމަށާއި އަމުރު ކުރެއްވި ނަމަވެސް ނުކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

ސްޕްރީމް ކޯޓުގެ ހުކުމަކާއެކު ގާސިމަށް ދޭން ޖެހޭ ފަޅާއި ރަށާއި ވެސް ހުރި ކަމަށާއި ނަމަވެސް އެކަންކަމުގައި ވެސް ގާނޫނާ އެއްގޮތަށް ނޫނީ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

މަތިވެރީގައި ހުންނަ ކާސާ މިއާ ސިޓީ ހޮޓަލުގެ މަޝްރޫއަށް އިޝާރާތް ކުރައްވާ އަލީނ ވަހީދު ވިދާޅުވީ އެއީ ވަޒީރު ކަމުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ އެއް ނިންމުން ކަމަށެވެ. ކާސާ މިއާގެ މައްސަލާގައި އިންވެސްޓަރާއި އިތުރު ބައެއް ފަރާތްތަކުން ވެސް މިނިސްޓްރީއަށް ގޮސް އަޑު ގަދަކޮށް ވެސް ހަދާފައި ހުންނާނެ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ވެސް ކުރައްވާފައިވާނީ ގާނޫނުގެ ތެރެއިން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. 

ޓޫރިޒަމު މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އަލީ ވަހީދަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ގުޅިގެން މަގާމުން ވަކިކޮށް އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ވެސް ފެށިއެވެ. ނަމަވެސް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން އެ ޝަރީއަތް ކުރިއަށް ގެންދެވިފައި ނުވެއެވެ. ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދުވަނީ ރައީސް ސޯލިހަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އަލީ ވަހީދުވަނީ ފަހުން އެކަން ދޮގު ކުރައްވާފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް