ads
ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ ދޫކޮށްލާފައި - ފޮޓޯ:ޝަންގްރިއްލާ
ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި
މީގެ އަހަރުތަކެއް ކުރިން އައްޑޫގައި އެންމެ ފުރަތަމަ ހުޅުވުނު ރިސޯޓުކަމަށްވާ ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.
Advertisement

ޝަންގްރިއްލާގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނައިރު ބާކީ ހިއްސާ އޮންނަނީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ޝަންގްރިއްލާ ރިސޯޓުގައި އޮންނަ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲ އެވެ.

ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑަށްފަހު ނުހުޅުވާ އޮތް ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިއަދު ނައްތާލެވުނީ ކަމަށެވެ. އެ އާއެކު ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ޝަންގްރިއްލާއިން ކުރަން ޖެހޭ ކަންކަމަށް ފަސޭހަވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައިވަނީ އެކަމަށްޓަކައި ބޭނުންވާ ހުއްދަތަކާއި އިދާރީ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ޝަންގްރިއްލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހިއްސާ އޮތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބުމަކީ އާ ފެށުމެކެވެ. ޝަންގްރިއްލާ ރިސޯޓު ވީ އެންމެ އަވަހަށް ހުޅުވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ލުނޯ ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 70 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވުން ކަމަށެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމާ ގުޅުންހުރި މާލީ ކަންކަމުގެ ތަފްސީލު އެނގޭނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ.

ޝަންގްރިއްލާގައި ސަރުކާރުގެ ހިއްސާ އޮތުމުން ރިސޯޓުގެ ކުލިން ބައެއް ދައުލަތަށް ގެއްލިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ވަޒީފާތައް އިތުރުކޮށް، އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުން ކަމުގައެވެ.

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއާ އެކު އިތުރު އެއާލައިންތައް ގެނައުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ހުވަދޫ އާއި ފުވައްމުލައް އަދި އައްޑޫ އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލުމަކީވެސް އެ ސަރަހައްދުގައި ފަތުރުވެެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެކުނުގައި ވަކި ޓޫރިޒަމް ހަބެއް ތަރައްގީ ކުރުމަކީ މައިގަނޑު އަމާޒެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަން ކުރުމަށް އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އިތުރުކުރުން ކަމުގައެވެ. 

މިނިސްޓަރު ވިދާޅުވެފައިވަނީ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް  ސަރުކާރުގެ ފަރާތުން މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުންވެސް ދެކުނުގައި ޓޫރިޒަމް ފުޅާކުރުމަށް ތަސައްވަރެއް ގެންގުޅޭ ކަމަށާއި ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އަައްޑޫ ސިޓީ މަޝްހޫރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް