ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ލ.ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މުއިއްޒުގެ ތަސައްވަރަކީ ރައީސް ޔާމީންގެ ތަސައްވުރު ކަމަށެވެ.
ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވަރު އޮތީ ހަމަ އެކަނި މާލެއަށް ކަމަށެވެ. އަދި ރައީސް ކަމަށް މުއިއްޒު ހޮވިވަޑައިގެންފިނަމަ މުއިއްޒުގެ ތަސައްވަރަކީވެސް ނުވަތަ ކުރައްވާނީވެސް ހަމަ މިއުސޫލުން ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ހިންގަވާ ޕްރޮޖެކްޓްތަކަށް ބަޔަކު ފާޑުކީކަމުގައިވިނަމަވެސް މި ސަރުކާރުން ރަށްރަށަށް ވަޑައިގެން ބިންގާ އަޅުއްވަނީ ނޫން ކަމަށާއި، އިމާރާތްކޮށް ނިމިފައި ޙިދުމަތްދޭން ފަށާފައި ހުރި ތަންތަނުން އަލުން ހުޅުވުމުގައި ރެބަންފަށް ކަނޑާލަނީ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ތަރައްގީ ގެނެސްދިނުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ އުސޫލަކުން ތަރައްގީ އާއި ހުރިހާ ޙިދުމަތްތަކެއްވެސް ފޯރުކޮށްދެއްވަމުން އަންނަ ކަމަށެވެ. އަދި މި ސަބަބަށްޓަކަައި އިތުރު ދައުރެއް ރައީސް ސޯލިހަށް ދެއްވަންޖެހޭ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ކެމްޕެއިން ޓީމުން ދަނީ މުޅި ރާއްޖޭގައިވެސް ކެމްޕެއިން ޖައްސައި ކެމްޕެއިންގެ އެކިއެކި ހަރަކާތައް ހިންގަމުންކަން ފާހަގަ ކޮށްލެވެއެވެ.