މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއި އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށެވެ.
މާލެ ސަރަހައްދުގެ ކުނީގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ ނައިބު ރައީސްގެ ވާހަކަފުޅުގައި ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމައުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތަކުގެ ގޮތުގައި ފާހަގަކުރެއްވި ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދާއި ތިމާވެއްޓާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބު ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ސިއްހަތަށް އޮތް ނުރައްކާ ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައި ގާއިމުކުރި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފްތިތާހުކޮށްދެއްވާފައިވަނީ ނައިބު ރައީސްއެވެ.
ރައީސް އޮފީހުން ބުނީ މާލޭގައި ގާއިމުކުރެވުނު އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖްކުރުމަށާއި އެ ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގުސަދުގައި ޒަމާނީ ވަސީލަތްތަކާ އެކު ބިނާކޮށްފައިވާ 65 ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް ސްޓޭޝަނެއް ކަމުގައެވެ. މި ސްޓޭޝަން ފަރުމާކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ މި ސްޓޭޝަނުން ތިލަފުއްޓަށް ކުނި އުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެން ކަމަށެވެ.
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ އިމާރާތަކީ ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއް ކަމަށް ރައީސް އޮފީހުން ބުނެެއެވެ.