ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާ އެކު ވަގުތުން ފައިސާ ފޮނުވޭ ގޮތަށް ހަދާފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގެ ފުރަަތަމަ މަރުހަލާ ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށާފައިވަނީ މިިދިޔަ ހޮނިހިރު ދުވަހުގެރެއެވެ.
އެމްއެމްއޭއިން ބުނީ ފަވަރައިގެ ބޭނުން ކުރަން ފެށިތާ ދެ ދުވަހުގެ ތެރޭގައި އެ ސިސްޓަމްގެ ތެރެއިން 3،676 މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 10.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ފަވަރައިން ހިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެއް ކަމަށެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނީ މި ވަގުތު މި ހިދުމަތް ލިބޭނީ މި ތިން ބޭންކުގެ މެދުގައި ހިންގާ މުއާމަލާތްތަކަށް ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އެ ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާއިރު، އެހެނިހެން ބޭންކުތަކުންވެސް މި ސިސްޓަމްގައި ބައިވެރިވުމަށް ވާން ޖެހޭ ތައްޔާރީތައް ވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ އެންމެފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ފަވަރަ އައިޑީއިން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން ފަސޭހަކަމާ އެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމުގެ މަގުފަހިކޮށްދޭ ކަމުގައެވެ. އަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަން ޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ މި ސިސްޓަމްގެ ދެވަނަ ފިޔަވަހި ތައާރަފުކުރާއިރު ފަވަރައަށް ހާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދޭނެ ކަމަށެވެ. އެގޮތުން މިހާރު އީ-ވޮލެޓްތަކުގެ ހިދުމަތް ދެމުން އަންނަ އުރީދޫ އާއި ދިރާގާ އެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ މި ސިސްޓަމް އާއެކު ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ހިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.