ads
މާމެންދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
މާމެންދޫ ފެނަކަ އާ އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި
ލ. މާމެންދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މާމެންދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އަންގާރަ ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މާމެންދޫގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގެ އާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 56 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 35 އަހަރުވެފައިވާ ކަމަށެވެ.

your imageމާމެންދޫގެ 35 އަހަރުވީ ބާ އިންޖީނުގެ އާއި އޮފީސް - ފޮޓޯ:ފެނަކަ

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 48x43 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ މާމެންދޫގެ އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 48x16 ފޫޓުގެ އިމާރާތެއް ކަމަށެވެ. އެތަނުގައި މަސައްކަތް ކުރެވެނީ ފަސް މުވައްޒަފުންނަށް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނި ގޮތުގައި މާމެންދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 44x95 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 49x33 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނީ އެ އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމެއް އަދި ޑީސަލް ސްޓޯރޭޖެއް ކަމަށާއި އޭރުގައި އޮފީހެއްގެ ގޮތުގައި ހުރީ ސްޓާފް ރޫމެއް އެކަނި ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ސްޓޯރަކާއި ވޯކް ޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ފާހާނާއަކާއި ޕޭންޓްރީއަކާއި ފިއުލް ޓޭންކެއްގެ އިތުރުން ޗިމްނީއެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމަކާ އަދި ސްޓޯރެއް ހިމެނޭ ކަމުގައެވެ.

your imageމާމެންދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެެއެކޭ އެއްގޮތަށް އަލަށް ހުޅުވުނު އިންޖީނުގެވެސް ހުންނާނީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ. ފެނަކައިން ކުރިން ބޭނުން ކުރަމުން އައި އޮފީސް އިމާރާތް ހުރީ އެ ރަށުގެ އިޖުތިމާއީ މަރުކަޒުގައި ކަމަށާއި އަލަށް ބިނާކުރި އޮފީސް އިމާރާތް ހުންނާނީ ރަށުގެ މައި މަގަށްވާ ގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މާމެންދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 820 ކިލޯވޮޓުން 1060 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް