އާރުޓީއެލް ފެރީގެ ހިދުމަތް ހުވަދު އަތޮޅުގައި ރަސްމީކޮށް ފެށުމުގެގޮތުން ގދ. ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކެބިނެޓް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ހިދުމަތަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށެވެ. އެގޮތުން މި ވައުދު ތަންފީޒުކުރުމަށް ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ޒޯން އެކެއްގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރު ވަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފެށި، ބޮޑުތިލަދުންމަތި އާރުޓީއެލް ފެރީ ވިއުގައިން ގުޅާލާފައި ކަމަށެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގަައި ދެވަނަ ފިޔަވަހީގެ ދަށުން، ޒޯން ދޭއްގެ ޅ. އަތޮޅަށާއި ޒޯން ފަހެއްގެ ގއ. އަދި ގދ. އަތޮޅަށް މިހާރު ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ހިދުމަތް ދޭން ފަށާފައި ކަމުގައެވެ. އަދި ޒޯން ފަހެއްގައި ހިމެނޭ ރަށްތަކާ ޒޯން ހައެއްގެ ޏ. އަދި ސ. އަތޮޅުގެ ރަށްތައް ގުޅާލެވޭ ހައިވޭ ލިންކްގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ހުވަދު އަތޮޅުގައި އާރުޓީއެލް ރަސްމީކޮށް އިފްތިތާހު ކުރެވުމާ އެކު، މި އަތޮޅުތަކުގެ ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށުނީ ކަމަށެވެ.
އާރުޓީއެލް ފެރީ ހިދުމަތުގައި ބޭނުން ކުރަމުންދާ ފެރީތަކަކީ ދުވެލި ބާރު، އެއާކޯން ކޮށްފައިވާ ފެރީތަކެއް ކަމަށާއި މި އުޅަނދުފަހަރުތައް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރައިފޭބޭ އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނެގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި އުޅަނދުގައި ފާހާނާ އާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުންނާނެ ކަމަށެވެ. މިއީ ރާއްޖޭގެ މޫސުމާއި އޮއިވަރާއި ބާންޏާއި ރާޅަށް ރިއާޔަތް ކުރެވިގެން ދެ މޫސުމަށް ފަހިވާނޭހެން ބަނދެފައިވާ ކަނޑަށްވެސް ގަދަ އުޅަނދުތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އާރުޓީއެލް ގެ ހިދުމަތް އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭނީ ޓެކްނޮލޮޖީ އާ ވަރަށް ރަށްޓެހި ހިދުމަތެއްގެ ގޮތުގައި ކަމުގައެވެ. އެގޮތުން ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް އާރުޓީއެލް ވެބްސައިޓް އަދި އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން މެދުވެރިކޮށް، ދަތުރު ޝެޑިއުލް ބަލާލާ، ޓިކެޓް ބުކްކޮށްލާ އަދި ޓިކެޓަށް ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ ކިއުއާރު ޓިކެޓް ގަންނާނެ ގޮތުގެ ތަފްސީލް އެ ކުންފުނީގެ އާރުޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުން ލިބޭނެ ކަމަށެވެ. އާރުޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ހިދުމަތުގައި މިއަދު ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަކީ ހިދުމަތުގެ ތަމްރީނުދީފައިވާ ގާބިލު މުވައްޒަފުންތަކެއްކަން ފަހުރުވެރިކަމާ އެކު ފާހަގަކުރާ ކަމަށެވެ. މި ހިދުމަތުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިތުރު 500 އެއްހާ ވަޒީފާ އުފެދިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.