ދިރާގުން ބުނީ އެ ކުންފުނިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ދިވެހި ރެޑް ކްރެސެންޓުގެ 'ޕާޓްނަސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި އެ ކުންފުނިން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާންމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީނުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ޔުނިޓުތައް މި ރޮނގުތަކުން ތަރައްގީކުރުމަށް މަގުފަހިވެގެންދާ ކަމަށް ދިރާގުން ބުނެއެވެ.
މި ވޭތުވެދިޔަ އަހަރުތަކުގައި އެ ޖަމިއްޔާއިން ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަން އާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވުމުގެ އިތުރުން އެ ކުންފުންޏާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާ ކަމުގައެެވެ.