ads
އިމާރާތްކުރުމުގައި އުފެދޭ ގާކުނޑި އާއި ބޮޑެތި ބަރު ކުނިތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް ޕްރޮސެސިން ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ގާކުނޑި ބޭނުންކޮށްގެން ހިލަވެލި އުފައްދާ ޕްލާންޓެއް ތިލަފުށީގައި އަޅަނީ
ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ނުވަތަ އިމާރާތް ކުރުމުގައި އުފެދޭ ގާކުނޑި އާއި ބޮޑެތި ބަރު ކުނިތައް ބޭނުންކޮށްގެން ހިލަވެލި އުފައްދާ ޕްލާންޓެއް ތިލަފުށީގައި ގާއިމު ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
Advertisement

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނިގޮތުގައި ހިލަވެލި އުފައްދާނީ އިމާރާތް ކުރުމުގައި އުފެދޭ ގާކުނޑި އާއި ބޮޑެތި ބަރު ކުނިތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް 62.58 މިލިއަން ރުފިޔާ ހޭދަކޮށްގެން ތިލަފުށީގައި ގާއިމް ކުރާ ޕްރޮސެސިން ޕްލާންޓުންނެވެ.

އެ ޕްރޮސެސިން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމައި، އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޕްލާންޓްގެ ބޭނުންކުރަން ފެށުމަށް އުންމީދުކުރާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްލާންޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދު ހިމެނޭހެން ޒޯން ތިނެއްގެ ރަށްތަކުގެ ކުނި މެނޭޖްކުރުމަށް ކުރިއަށްގެންދާ "ގްރޭޓަ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ގާކުނޑި އާއި އިމާރާތްކުރުމުގައި އުފެދޭ ބަރު ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޕްލާންޓެކެވެ.

މި ޕްލާންޓަކީ އުކާލަން ގެންނަ ގާކުނޑި ބޭނުންކޮށްގެން، އިމާރާތް ކުރުމަށް ބޭނުންވާ ވެއްޔާއި ހިލަވެލި ފަސް ގްރޭޑަކަށް ތައްޔާރު ކުރުމުގެ ގާބިލްކަން ލިބިގެންވާ ޕްލާންޓެކެވެ. މި ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކަނޑައަޅާފައިވާ ބިމުގެ 39،000 އަކަފޫޓުގެ ސަރަހައްދެއްގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އުފެދޭ ކުނި މެނޭޖްކުރާނެ ގޮތުގެ ދިރާސާއެއް 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ އިންޖިނިއަރިން ކޮންސަލްޓަންޓް ފާމް، މޮޓް މެކްޑޮލަޑް އާ ހަވާލު ކޮށްގެން ހަދާފައިވާ ކަމަށެވެ. އެ ދިރާސާއިން ރާއްޖޭގައި އުފެދޭ ސީއެންޑީ ކުނި އުކާލާ މިންވަރު އިތުރުވެފައިވާކަން ހާމަވެފައިވާ ކަމަށާއި އެފަދަ ކުންޏަކީ އަލުން ރީސައިކަލް ކުރެވޭނެ އެއްޗެއްކަން ހޯދިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް ތިލަފުއްޓަށް ގެންދެވޭ ސީއެންޑީ ކުނީގެ މިންވަރު 200 ޓަނަށްވުރެ އިތުރުވެފައިވާ ކަމުގައެވެ. އެގޮތުން މިފަދަ ކުނި މެނޭޖްކުރުމަށް ޕްރޮސެސިން ޕްލާންޓެއްގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް