ads
އުތުރު ހުޅުމާލޭގައި އަޅާފައިވާ ޕޯޓް ރެސިޑެންސް ފްލެޓުތައް: އެޕާޓްމަންޓުތަކަށް ނަގާ މަހު ކުލި އެމްޕީއެލުން ވަނީ ކުޑަކޮށްދީފައި - ފޮޓޯ:އެމްޕީއެލް
ޕޯޓް ރެސިޑެންސްގެ އެޕާޓްމަންޓުތަކަށް ނަގާ މަހު ކުލި އެމްޕީއެލުން ކުޑަކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހައުސިން ސްކީމުގެ ދަށުން އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި އަޅާފައިވާ "ޕޯޓް ރެސިޑެންސް" ގެ އެޕާޓްމަންޓުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ކުލި އެ ކުންފުނިން ކުޑަކޮށްދީފިއެވެ.

އެމްޕީއެލުން ބުނެފައިވަނީ އެޕާޓްމަންޓުތަކުގެ މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެ ކުންފުނީގެ ބޯޑުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ބަދަލުގައި ޑައުންޕޭމަންޓަށްފަހު، 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނި ގޮތުގައި 25 އަހަރު ދުވަހަށް ބަހާލުމުން ޑައުންޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1" ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ) ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނީ 3،741.38 ރުފިޔާ ކަމަށާއި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީ) ގެ އެޕާޓްމަންޓަށް ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،872،94 ރުފިޔާ ކަމުގައެވެ.

އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް، ޓައިޕް އޭއަށް މަހު ކުލީގެ ގޮތުގައި ބާކީ އޮންނަ 20 އަހަރު ދުވަހު ދައްކަން ޖެހޭނީ 4،061.54 ރުފިޔާ ކަމަށާއި ޓައިޕް ބީއަށް ދައްކަން ޖެހޭނީ 4،204.37 ރުފިޔާ ކަމަށް އެމްޕީއެލުން ބުނެއެވެ. އެ ކުންފުނިން ބުނީ ކުރިން އޮތްގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާ ނަމަ، ޓައިޕް އޭއަށް 4،585.16 ރުފިޔާ އަދި ޓައިޕް ބީއަށް 4،746 ރުފިޔާ މަހަކު ދައްކަން ޖެހޭނެ ކަމަށެވެ.

މި އޮޕްޝަންގައި 1+2 އެޕާޓްމަންޓުގެ ޓައިޕް އޭއަށް 7،015.08 ރުފިޔާ ދައްކަން ޖެހޭއިރު، ޓައިޕް ބީއަށް 7،182.60 ރުފިޔާ މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށް އެމްޕީއެލުން ބުނެއެވެ. އެމްޕީއެލުން ބުނެފައިވަނީ ބާކީ އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި ޓައިޕް އޭއަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 8،073.56 ރުފިޔާ ކަމަށާއި ޓައިޕް ބީއަށް ދައްކަން ޖެހޭނީ 8،260.45 ރުފިޔާ ކަމަށެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން "އޮޕްޝަން 2، 3 އަދި 4" ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް އެ އުސޫލުގެ ދަށުން ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބޭނެ ކަމުގައެވެ.

your imageއުތުރު ހުޅުމާލޭގައި އަޅާފައިވާ ޕޯޓް ރެސިޑެންސް ފްލެޓުތައް - ފޮޓޯ:އެމްޕީއެލް

މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ހިޔާރުކޮށްފައިވާ މުވައްޒަފުންނަށް "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދޭނެ ކަަމަށް އެމްޕީއެލުން ބުނެއެވެ. އެ ކުންފުނިން ބުނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް، ފައިސާ ހަމަކުރާ ދުވަހުން ފެށިގެން "އޮޕްޝަން 1" ގެ ލުއިތައް ލިބޭނެ ކަމަށެވެ.

އެމްޕީއެލުން ހަދާފައިވާ ޕޯޓް ރެސިޑެންސްގެ 15 ފަންގިފިލާގެ ތިން ޓަވަރުގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި 1+2 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.

އެ ޓަވަރުތަކުގައި މިހާރު ކުރަމުން އަންނަނީ ލިފްޓާއި ކަރަންޓުގެ އިތުރުން ފެނާ ގުޅުންހުރި މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޕީއެލުން ބުނީ އެ މަސައްކަތްތައް ނިންމާ މި މަހުގެ މެދުތެރެއިން ފެށިގެން އެޕާޓްމަންޓުތަކުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޕޯޓް ރެސިޑެންސްގެ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ނިމިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ހަވާލުކުރަން ފަށާފައެވެ. މި އަހަރުގެ ނިޔަލަށް އެޕާޓްމަންޓުތަކަށް ކުލި ދައްކަން ނުޖެހޭގޮތަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް