ads
ހައުސް އޮފް ޑިމޮކްރެޓްސްގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:އަހުމަދު އަންވަރު
އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން: ނަޝީދު
މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ދަރަނި އެކުލަވާލުމަށް ރައީސް ސޯލިހު އިންތިހާބުވުމާ އެކުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށެވެ. އޭރު އޮތް ދަރަނި އެ އޮތް ގޮތަށް ބޭއްވުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް މަސައްކަތް ކުރުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް، ރައީސް ނިންމެވީ އެކަން ނުކުރައްވާން. އަޅުގަނޑަށް މިއަދު މި ލިބިފައި އޮތް މައުލޫމާތަކީ މިއީ އެންމެ ބޮޑު ހިޔާނާތް. ދަރަނި އެކުލަވާނުލެއްވީ އަލުން ދަރަނި ރީސްޓަރަކްޗާ ނުކުރެއްވި ހަމައެކަނި ސަބަބަކީ އަލަށް ޓްރެޝަރީ ބޮންޑެއް، އެ ސްކޫކް ވިއްކުމުގެ ނިޔަތުގައި،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އަބްދު ﷲ ޔާމީން ވިއްކަވާފައި އޮތް ސަނީ ސައިޑް ބޮންޑް (250 މިލިއަން ޑޮލަރު) 2020 ވަނަ އަހަރަށް މެޗުއާ ވާ ކަމަށާއި އެ ބޮންޑު މެޗުއާވުމުގެ ކުރީގައި އެ ދަރަނި އަލުން އަނބުރާ އެކުލަވާލި ނަމަ، ސްކޫކް ބޮންޑު ވިއްކަން ނުޖެހުނީސް ކަމަށެވެ.

"ސްކޫކް ބޮންޑު ސްޓްރަކްޗާ ކުރަމުން އަދި އޭގެ މަސައްކަތް ކުރަމުން، އޭތި ވިއްކުމަށް މަސައްކަތް ކުރި ކުންފުނި، އެޖެންސީއަށް. އެބަ ކޮމިޝަނެއް ލިބޭ މި ބޮންޑު ވިއްކުނީމާ. އެ ކޮމިޝަންގެ ބޭނުމަށްޓަކައި އަޅުގަނޑަށް މިހާރު މި އިނގެނީ ދަރަނި އަލުން އަނބުރާ އެކުލަވާނުލީ. އަޅުގަނޑު ދެކޭ ގޮތުގައި އެއަށްވުރެ ބޮޑު ހިޔާނާތެއް ނެތް. އެންމެ ބޮޑު ހިޔާނާތް އެއީ،" - ރައީސް ނަޝީދު

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ ޑިމޮކްރެޓިކްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ސަރުކާރެއްގައި ރާއްޖޭގެ ދަރަނި އަލުން އެކުލަވާލައި، އެ މައްސަލަ ހައްލުކުރާނެ ކަމަށް ފާހަގަކުރައްވާފައެވެ. ދައުލަތުގެ ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް އިލްޔާސް ވައުދުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2026 ވަނަ އަހަރު އާމްދަނީއަށް ވުރެ އެތައް ގުނައެއް އިތުރަށް ދަރަނި އަދާކުރުމަށް ދައްކަން ޖެހޭ ކަމަށާއި ދައުލަތުގައި އެ އަދަދަށް ފައިސާ ނެތް ކަމަށެވެ. ފަހު ވަގުތު އެ ދަރަނި އެހެން ގައުމަކުން ދައްކައިދިން ނަމަވެސް ދަރަނިން ސަލާމަތް ނުވެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"2026 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީއަށް ވުރެ އެތައް ގުނައެއް އިތުރަށް އެބަ ދަރަނި އަނބުރާ ދައްކަން ޖެހޭ. އެއީކީ އަޅުގަނޑުމެންގެ އަތުގައި ހުރި ފައިސާއެއް ނޫން. އެންމެފަހު ވަގުތު ޖެހުނީމާ ފަހަރެއްގައި ދޭދޭ ގައުމަކުން އައިސް އަނެއްކާ އިތުރު ދަރަންޏެއް ދީފާނެ. އެހެން ނަމަވެސް އެއީ ދަރަނިން ސަލާމަތް ވެވުނީކީ ނޫން. އަދި ބޮޑަށް މި އަނދަވަޅަށް ވެއްޓުނީ،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ދަރަނިން ސަލާމަތްވެވުމުގެ ފުރުސަތު ލިބިފައިވަނިކޮށް، ސްކޫކް ބޮންޑު ވިއްކައިގެން އަނެއްކާ ބޮޑަށް މިވަނީ ދަރަނިވެރިވެފައި ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް