ads
ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފެށުން - ފޮޓޯ:ސްޓެލްކޯ
ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.

ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް ފައްޓަވާދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ދަނގެތީގެ ކައުންސިލުގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.

އެރަސްމިއްޔާތުގައި ދަނގެތި ކައުންސިލުގެ ނައިބް ރައީސް އިމްރާން އަހުމަދު ވިދާޅުވީ އެރަށުގެ ފެނުގެ ނިޒާމް 2018 ވަނަ އަހަރުގައި ގާއިމުކުރެވުނު ނަމަވެސް، މިއަދާ ހިސާބަށްވެސް އެނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށެވެ. ދަނގެތީގައި 18 ގެސްޓް ހައުސް އާއެކު 280 އެނދު އޮޕަރޭޓް ކުރަމުންދާއިރު، އެ ރަށުގެ ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއްކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

your imageދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލުގެ ނައިބް ރައީސް އިމްރާން އަހުމަދު ވާހަކަދައްކަވަނީ - ފޮޓޯ:ސްޓެލްކޯ

ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ކުންފުންޏާ ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލުގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅި ކަމަށެވެ. ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޭރު އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނިމީރުކަން ނުލިބޭކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅިކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ދަނގެތީގެ ފެނުގެ ނިޒާމް ގާއިމުކުރުމަށް 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީ އާ ހަވާލުކުރި ކަމަށާއި ސަރުކާރުން ސްޓެލްކޯ އާ އެނިޒާމް ހަވާލުކުރުމަށް މަސައްކަތްކުރި ކަމުގައެވެ. އެހެންނަމަވެސް، ސްޓެލްކޯއިން އެފަދަ އެއްވެސް ހިދުމަތަކާ ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެމިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރު އެހިދުމަތް ދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމުކުރެވިފައި އޮތްތޯ ބެލުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ސްޓެލްކޯ އާއި ހަވާލުވިއިރުވެސް، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދުތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލު ތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ. އެބެލުން،" - އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވެފައިވަނީ ސްޓެލްކޯގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުގެ ވެރިޔާއަށް ފެނުގެ ހިދުމަތް ދަނގެތީގައި ދެވޭނީ ކިހިނެތްތޯ ބެލުމަށް ހަވާލުކުރި ކަމަށާއި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެކަމުގެ މައުލޫމާތުތައް ދެއްވި ކަމަށެވެ.

"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާ ކަމަށް ވާނަމަ، ބޭރުގެ އެކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާ އެކު، ލޯވަޅު އެޅި ފެން ނުހިފަހައްޓާ. އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރީ. އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭވަރުގެ ޕްލާންޓް ހުރީ. އެއަށްވުރެ މުހިއްމު އަދި މިހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން،" - އަހުމަދު ޝަރީފް

your imageދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވާހަކަދައްކަވަނީ - ފޮޓޯ:ސްޓެލްކޯ

ޝަރީފް ވިދާޅުވި ގޮތުގައި ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާ އެކު ލީކުވާން ފަށާ ކަމަށާއި ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދާ ކަމުގައެވެ. އެހެންކަމުން މިނިސްޓްރީގައި ބުނެގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދަނގެތީގެ ފެނުގެ ނެޓްވޯކް ގާއިމުކުރާއިރު، 365 ޓަނުގެ ދެ ޓޭންކާއި 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލުކުރުމުގެ އިތުރުން 7،000 މީޓަރުގެ ނެޓްވޯކްލައިނެއް އަޅާނެ ކަމަށެވެ. ދަނގެތީގެ ފެނުގެ ވިއުގަ ބަދަލުކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެއް ނަމަވެސް މާތްﷲ ގެ އިރާދަފުޅާ އެކު، ތިން މަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް