އެމްބީއެސްއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން، ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ތަކެތީގެ އަގުތައް ވަނީ 0.06 އިންސައްތަ މައްޗަށް ޖެހިފައެވެ. ޖޫން މަހު އިންފްލޭޝަން ހުރީ 0.10 އިންސައްތައިގައެވެ.
ޖުލައި މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަނޑުދަތުރުފަތުރުންނާއި ތަރުކާރީގެ ބާވަތްތަކުންނެވެ. ކަނޑުދަތުރުފަތުރުން 13.57 އިންސައްތަ އުފުލިފައިވާއިރު ތަރުކާރީގެ ބާވަތްތަކުން 4.17 އިންސައްތަ ވަނީ އިތުރުވެފައެވެ. އޭގެ އިތުރުން މޭވާގެ ބާވަތްތަކުން 0.93 އިންސައްތަ، މަހުގެ ބާވަތްތަކުން 0.33 އިންސައްތަ އަދި އެއްގަމު ދަތުރުފަތުރުގެ އަގުތަކުން 1.30 އިންސައްތަ ވަނީ އުފުލިފައެވެ.
ޖުލައި މަހު އަގު އެންމެ ބޮޑަށް ވެއްޓިފައި ކަރަންޓާއި ވައިގެ ދަތުރުފަތުރުތަކުންނާއި މުވާސަލާތީ ހިދުމަތްތަކުންނެވެ. ކަރަންޓުގެ އަގުތަކުން 3.19 އިންސައްތަ، ވައިގެ ދަތުރުފަތުރުން 2.78 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި މުވާސަލާތީ ހިދުމަތްތަކުގެ އަގު 1.17 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މުދަލާއި ހިދުމަތްތަކުގެ އަގުތައް ފަސް އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.