ads
ފިނޭންސް މިނިސްޓަރު އޭޑީބީގެ ރައީސް އާއެކު: ސޮވެރިން ފަންޑާއި ޖީއެސްޓީ ގާނޫނު ހަރުދަނާ ކުރުމަށް އޭޑީބީން 19 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައި - ފޮޓޯ:ފިނޭންސް މިނިސްޓްރީ
ސޮވެރިން ފަންޑާއި ޖީއެސްޓީ ގާނޫނު ހަރުދަނާކުރަން އޭޑީބީން ހިލޭ އެހީ
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އާއި ޖީއެސްޓީ އާ ބެހޭ ގާނޫނު ހަރުދަނާ ކުރުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ހިލޭ އެހީ ދީފިއެވެ.
Advertisement

އޭޑީބީން 18.7 މިލިއަން ޑޮލަރު (288 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދީފައިވަނީ އެސްޑީއެފާއި ޖީއެސްޓީ އާ ބެހޭ ގާނޫނު އަދި ޖުމްލަކޮށް ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށެވެ. މިއީ އޭޑީބީން ރާއްޖެއަށް އަމާޒުކޮށް ކުރިއަށްގެންދާ 'ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް' ގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. މި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ 2024 ގެ ނިޔަލަށެވެ.

މި އެހީގެ އިތުރުން އޭޑީބީން އެ ބޭންކުގެ 'ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް ޑެޓް މެނޭޖްމަންޓް' އިން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދޭނެއެވެ.

އޭޑީބީގެ އެހީ ބޭނުންކުރާނީ ސަރުކާރުގެ އާމްދަނީ، ހަރަދުތައް އަދި ދަރަނި މެނޭޖު ކުރުމާ ބެހޭ ގާނޫނީ ބަދަލުތަކާއި އިސްލާހުތައް ގެނައުމަށެވެ.

މީގެކުރިން އޭޑީބީން ވަނީ ސަރުކާރާ ޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް އާއި ފީ ނެގުމާއި ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނާއި ގްރީން ޓެކްސްއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުމުގެ މަސައްކަތްކޮށްފައެވެ.

އޭޑީބީން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ޓެކްސް ބޭސް ފުޅާކުރުމާއި ޖީއެސްޓީ ގާނޫނަށާއި އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެނައުމާ އެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ގާނޫނެއް މަޖިލީހަށް ހުށަހަޅާނެއެވެ. އޭގެ އިތުރުން ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމާއި މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުމުގެ އިތުރުން ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފުކުރާނެއެވެ. އަދި ދަރަނި މެނޭޖްކުރުމާ ބެހޭ އާ ގާނޫނެއް ހުށަހަޅައި ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފަށާނެއެވެ.

އޭޑީބީގެ ޕްރޮގްރާމުގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށް ކްލައިމެޓް އެމަޖެންސީ ގާނޫނާއި ހަކަތައިގެ ގާނޫނު ތަންފީޒުކުރުމާ އެކު، ކަރަންޓާއި ސިއްހީ ފަރުވާގެ ސަބްސިޑީ، ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް އެހީތެރިވެދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް