
ދިރާގުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުރިހާ ކަސްޓަމަރުންވެސް ދިރާގުގެ ހިދުމަތްތައް އެ ކުންފުނީގެ ޑީޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހޯދުމަށް އިލްތިމާސްކުރާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
ދިރާގުގެ ކަސްޓަމާ ސާވިސް އޮފީސްތައް ބަންދުކުރުމަށް ނިންމާފައި ވަނީ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހަށެވެ.
ކޮވިޑް-19 ގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ގިނަ ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ.
އެގޮތުން އެ ކުންފުނިން ވަނީ އެކުންފުނީގެ މޯބައިލް ކަސްޓަމަރުންގެ ތެރެއިން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް 30 ޕަސެންޓް ހިލޭ ޑޭޓާ އާއި ގިނަ ޑިސްކައުޓްތަކެއް ތައާރަފްކޮށްފައިވާއިރު ދިރާގު މަމެން ކަސްޓަމަރުންނަށް 50 ޕަސެންޓް ހިލޭ ޑޭޓާ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.
ފިކްސްޑް ބްރޯންޑް ބޭނޑް ކަސްޓަމަރުންނަށް 30 ޕަސެންޓު ޑޭޓާ ހިލޭ ލިބިގެންދާގޮތަށް ހަމަޖައްސާފައި ވާއިރު، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖުތަކަށް 25 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.