
އަލީ ހާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ.
މި ޖަނާޒާގައި ދިފާއީ ވަޒީރު، މުހައްމަދު ގައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު އިޔާޒް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ބައިވެރވިއެވެ.
މި ޖަނާޒާގައި، ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. އަދި، މަސްޖިދުއް ޒައިދު ބިން ޘާބިތުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. އަދި ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ވޮރަންޓް އޮފިސަރ 2 އަލީ ހާމިދުގެ ޢާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި، މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީސް އަރުވާފައެވެ.
ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި ބޭއްވުމުގެ ތެރެއިން
ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ސިފައިންގޭގައި ޝަރަފުވެރިކަމާ އެކު ހިދުމަތް ކުރައްވާތާ 27 އަހަރު ވެފައެވެ.
ތ.ހިރިލަންދޫއަށް އުފަން އަލީ ހާމިދު ސިފައިންގެ ހިދުމަތާ ގުޅުނި 1998 އެޕްރީލު 21 ވަނަ ދުވަހުއެވެ. ހާމިދުއަށް އަސްކަރީ ހިދުމަތުގައި ވަނީ، ފަސް މެޑެއްޔާއި، ހަތަރު ޝަރަފުގެ ކުލަ ލިބިފައެވެ.. އެގެތެރޭގައި، 17ވަނަ ސާކްސަމިޓް މެޑެލި، އިންސާނީ ހިދުމަތުގެ މެޑެލި، އަހްލާގި މެޑެލި، ސިފައިންގެ ހިދުމަތުގެ މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، އަހްލާގީ ކުލަ ތިންވަނަ ފަހަރަށް، އިހްލާސްތެރި ހިދުމަތުގެ ކުލަ، ސިފައިންގެ ހިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ކުލަ ހިމެނެއެވެ.
ހާމިދު ފުރިހަމަ ކޮށްފައިވާ އަސްކަރީ ތަމްރީނުތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ފުރިހަމަކުރެއްވި އެންބީސީޑީ ކޯހާއި، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯހާއި، 11ވަނަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގެ އިތުރުން، ކޯސްޓްގާޑް ބޭސިކް ޓްރޭނިން އަދި ބޭސިކް ފަޔާ ފައިޓިންގ ކޯސް ހިމެނެއެވެ.
ހާމިދު ނިޔާވުމުގެ ހިތާމާގައި ރެއިން ފެށިގެން މިރޭ 00:00 އަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ.