ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބާ ކައުންސިލުން އެ މައްސަލައިގައި ކުރާ ދިރާސާއަށް ބޭނުންވެގެން ސިޓީ ދޭން އެދުމުން އެކައުންސިލާ އެ ސިޓީ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅޭ އެއްވެސް ބާވަތެއްގެ ވާހަކައެއް އެ ސިޓީގައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ސިޓީއާ ގުޅުވައިގެން ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކަމަށެވެ. އެފަދަ އުކުޅުތަކުގައި އާންމުން ނުޖެހުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އިން އެ ސިޓީ ބައްލަވާލަން ބޭނުންފުޅުވެ އެދިލެއްވިނަމަވެސް، 241 ކޮމިޓީއަށް އެސިޓީ ހިއްސާ ކުރައްވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްތުން ރައީސް ސޯލިހު މޮރިޝަސްގެ ބޮޑިވަޒީރަށް ރައްދުކުރެއްވި ކަމަށްބުނާ ސިޓީ އާއްމުކުރެއްވުމަށް ގޮވާލެއްވިނަމަވެސް، އެގޮތަށް އެކަން ނުކުރެއްވޭނެކަމަށް ރައީސް ގެބްދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް، ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރަން އޮންނަ އުސޫލުތަކުގެ ތެރެއިން އެމައުލޫމާތު ހޯދުމަށް އެދިވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށްވެސް އެފުރުސަތު އޮންނާނެކަމަށްވެސް ރައީސް ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ.
ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި އިސްމާއިލް ވިޝާމް ހުންނެވިއިރު އެ ކައުންސިލުގެ ނައިބު ރައީސަކަށް ހުންނެވީ މިޒްނާ އަހްމަދު އެވެ.
ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ.