
މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބިގްފިޝްއަށް ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެ ކުންފުނީގެ ފަރާތުން މަޝްރޫއަށް ބޭނުންވާ ޕައިޕްލައިނާއި ފުރަތަމަ ޑްރެޖަރާއި ހެވީ މެޝިނަރީ އެ ރަށަށް ގެންގޮސްފައި ވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.
މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކައި 3،493 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ބިގް ފިޝް އާ ހަވާލުކޮށްފައިވަނީ 246 މިލިއަން ރުފިޔާއަށް 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް
މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކްރޮސް ސަބްސިޑީ އުސޫލުން އެ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މަހު ހުޅުވާލާފައެވެ.