ads
ރައީސް ސޯލިހު މިއަދު ކުރިނބީގައި ވާހަކަފުޅު ދައްކަވަނީ---ފޮޓޯ:އެމްޑީޕީ
އަމާޒަކީ ދިވެހި ޝިޕިންލައިނުގެ ނަން ސަރަހައްދުގައި ކިޔާވަރު ކުރުން: ރައީސް ސޯލިހު
ދިވެހި ޝިޕިން ލައިންގެ ނަން ސަރަހައްދުގައި ނަގާކިޔާ ވަރުގެ ޝިޕިންލައިނަކަށް ހައްދަވާނެ ކަމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހދ.ކުރިނބީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ޝިޕިންލައިނަކީ މީގެ ކުރިން މިސަރަހައްދުގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށެވެ. ނަމަވެސް 1970 ގެ ތެރޭގައި ކުރެވުނު ކަންތައްތަކެއްގެ ސަބަބުން މުޅި ކުންފުނި ބަނގުރޫޓުވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ދިވެހި ޝިޕިންލައިނެއް އުފައްދާފައިވާ އިރު ރައީސް ސޯލިހު ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި އެއީ ފައިދާވާ ކުންފުންޏަކަށް މިހާރު ހެދިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއައށް އޮތް ތަނުގައި ޝިޕިންލައިނަކީ ސަރަހައްދުގައި ނަން ކިޔާލެވޭ ވަރުގެ ޝިޕިންލައިނަކަށް ހެދުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ސަރުކާރުގައި އަލުން އެމަސައްކަތް ވަނީ ފަށައި ގަނެވިފައި. ދެ އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ސްޓޭޓް ޝިޕިންއަކީ ފައިދާވާ ކުންފުންޏަކަށް އަޅުގަނޑުމެންނަށް ހެދިއްޖެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ގެނެވޭ އެންމެ ބޮޑު ބަދަލަކީ އިގްތިސާދަށް ގެންނާނެ ބޮޑު ބަދަލު ކަމަށެވެ. އެބަދަލާއެކު ރަށްރަށާއި، ވަކިވަކި ފަރުދުންގެ އާއްމުދަނީއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ކޮވިޑާއި، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާއެކު ވެސް ރައްޔިތުންނަށް ލާބައާއި މަންފާ ހުރި އެތައް ކަމެއް ކޮށްދެވިއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ހިލޭ ޑިގްރީއާއި ތައުލީމީ ދާއިރާއަށް ގެނެވުނު އެހެން ބަދަލުތަކާއި، ކުދި ވިޔަފާރިތަކަށް ހޯދައި ދެވުނު ފުރުސަތުތައް ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ރަހުނަކާ ނުލައި އަމިއްލަ މަސައްކަތްތަކަށް ފައިސާ ދޫކުރުމަކީ މިހާރު ވެސް ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދައުރުގައި އެކަން ކޮށް ދިނުމަށް އަނެއްކާ ވެސް އިދިކޮޅު ފަރާތްތަކުން ވައުދުވަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރަައީސް ސޯލިހުވަނީ ކުރިއަށް އޮތް ދައުރުގައި ކުރިނބީއަށް ކޮށްދެއްވާނެ ކަންތައްތައް ވެސް މިއަދު ހާމަ ކުރައްވާފައެވެ. 

ކުރިނބީއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް: 

1. ބަނދަރުގެ ޓެކްނިކަލް ސާވޭއެއް ހަދައި، ބަނދަރު ފުޅާކުރުން،

2. ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް، ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުން،

3. ރޯ ހައުސް އެޅުން،

4. ޒަމާނީ ފެންވަރަށް މަގުތައް ހެދުން،

5. އާޓިފިޝަލް ބީޗެއް ހެދުން،

6. ސުކޫލު އޮފީހާއި، މަލްޓިޕާޕޯސް ހޯލެއް އެޅުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް