ދަ ޑިމޮކްރެޓްސްގެ ފަރާތުން އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބުގެ މެނިފެސްޓޯގައި ހިމެނޭ އުތުރާއި ދެކުނުގެ ތަސައްވަރު އިފްތިތާހުކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަނީ އުތުރުގެ ކުޅުދުއްފުއްޓާއި ދިއްދޫ އަަދި ދެކުނުގެ ހުވަދޫ އާއި ފުވައްމުލަށް އަދި އައްޑޫއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ހިމަނާފައެވެ.
ޑިމޮކްރެޓްސްގެ އުތުރާއި ދެކުނުގެ ތަސައްވަރުގައި ތިލަދުންމައްޗަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްގީކުރުން:
ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމުގެ ގޮތުން ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކުރުމަށް ބާރުއަޅާ ބާވަތްތައް ފިޔަވައި ހުރިހާ މުދަލަކުން ޑިއުޓީ އެކީ ކަނޑާލުމަށް ވަނީ ނިންމާފައެވެ. އަދި ސީދާ ބޭރުން މުދާ ގެންނަ ބޯޓު ފަހަރު ގާތް ކުރެވޭނެހެން އެ ބަނދަރު ތަރައްގީ ކުރުމާ އެކު، ބަނދަރުގައި ގުދަން ކުރާނެ ވެއާ ހައުސްތަކާއި ފިހާރަތަކާއި އެހެންވެސް ބަނދަރަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެއެވެ.
ކުޅުދުއްފުށީގައި ސަރަަހައްދީ ތަރައްގީ ބޭންކެއް:
ތިލަދުންމަތީގެ ރަށްރަށުގެ ކައުންސިލުތަކުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށާއި ސަރަަހައްދުގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ސަރަަހައްދީ ތަރައްގީގެ ބޭންކެއް ކުޅުދުއްފުށީގައި ގާއިމުކުރާނެއެވެ.
ދިއްދޫއަށް ސިޓީއެއްގެ ދަރަޖަދީ ބާޒާރު ބަނދަރެއް ތަރައްގީކުރުން:
ދިއްދޫ ސިޓީއަކަށް ހެދުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާ އެކު އުތުރުގެ ދެވަނަ ސިޓީގެ ދަރަޖަ ދިނުމަށް ވަނީ ހިމަނާފައެވެ. ރަށުގެ ބަނދަރު މުދާ އަރުވާ ބޭލުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލްކު މުދާ ގުދަން ކުރާނެ ވެއާ ހައުސްތަކާއި ބަނދަރުމަތީ ފިހާރަތަކާ އެކު ފުރިހަމަ ބާޒާރު ބަނދަރެއްގެ ގޮތުގައި ތަރައްގީކުރާނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅުވައި ދިއްދޫ، ކުޅުދުއްފުށީގައި ލޮޖިސްޓިކްސް ސެންޓަރުތައް ގާއިމުކުރުން:
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ރާއްޖޭން ބޭރުގެ މާކެޓްތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށާއި އެއާފްރައިޓްކޮށް އިމްޕޯޓް ކުރެވޭ މުދާ ޑިސްޓްރިބިއުޓްކުރުމަށް ހަނިމާދޫ އެއާޕޯޓާ ގުޅުވައި ދިއްދޫ އަދި ކުޅުދުއްފުށީގައި ލޮޖިސްޓިކްސް ސެންޓަރުތަކެއް ގާއިމުކުރާނެއެވެ.
އޭގެއިތުރުން، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުދަލާއި އެއްގަމު އުޅަނދުފަހަރާއި މީހުން އުފުލޭނެ ރޯރޯ ފެރީ ތައާރަފުކޮށް، ދިއްދޫ-ކުޅުދުއްފުއްޓާ ވަށައިގެންވާ ރަށްތައް ގުޅާލާނެއެވެ.
ފެސިލިޓީތަކާއި ކުޅިވަރު މުނިފޫހިފިލުވުމުގެ ވަސީލަތްތަކާ އެކު، ސިޓީގެ އެހެން ގެސްޓްހައުސް ހޮޓާތަކުގެ ވިޔަފާރިއަށް އެހީތެރިވެދޭނެ ސިޓީ ހޮޓަލެއް ދިއްދޫ އަދި ކުޅުދުއްފުށީގައި ގާއިމުކުރާނެއެވެ.
ދިއްދޫ އަދި ކުޅުދުއްފުށީގައި 1،000 ކޮންޑޯ ޔުނިޓް:
އެންމެ ފަޅުގެތައް ގިނަ ކޮށިތަކާއި މީހުން ގިނަ ތޮއްޖެހިފައިވާ ކޮށިތައް ދެނެގަނެ އެ ތަންތަނަށް އަދުލުވެރި ބަދަލުދީ، ހުސްކުރުމަށް ފަހު 15 ބުރީގެ ޒަމާނީ ކޮންޑޮމީނިއަމް އިމާރާތްތަކެއް ޑޭކެއާ ސެންޓަރުތަކާއި އެލްޑާ ކެއާ ސެންޓަރުތަކާއި ޖިމްތަކާއި ފިހާރަތަކާއި ޕާކިން ޖާގަ އާއެކު ދިއްދޫ އަދި ކުޅުދުއްފުށީގައި ގާއިމުކުރާނެއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް، ޓޫރިޒަމް ފުޅާކުރުން:
ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އޮޕަރޭޝަނަކަށް ގެންދިއުމަށް ތަރައްގީކޮށް، ސަރަހައްދުން ބޭނުންވާ އެނދުގެ އަދަދު ހަމަކުރުމަށް އިތުރު ރިސޯޓުތައް ތަރައްގީކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތައް މާކެޓްކުރުމަށް އެމްއެމްޕީއާރުސީގެ ސަރަހައްދީ ވިންގެއް ދިއްދޫގައި ގާއިމުކުރާނެއެވެ.
ސަރަހައްދުގައި ޓޫރިޒަމް ފައްކާކުރުމަށް ޑިމޮކްރެޓުންގެ ސަރުކާރެއްގެ ފުރަތަމަ ތިން އަހަރު ތިލަދުންމަތީގެ ޓޫރިޒަމް ރިސޯޓުތަކުގެ ޓީޖީއެސްޓީ ކަނޑާލައި ޖެހިގެން އަންނަ ހަތް އަހަރު 50 އިންސައްތައިގެ ޓެކްސް ޑިސްކައުންޓެއް ދޭނެއެވެ.
އަމިއްލަ ގޭގައި ގެސްޓްހައުސް އިމާރާތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ސީދާ ސަރުކާރުން ގެރެންޓީދީގެން ފައިނޭންސް ހަމަޖައްސައިދޭނެއެވެ.
ބެންކްއުޓް ހޯލްތަކާއި މީޓިން ރޫމްތަކާއި ބިޒްނަސް ފެސިލިޓީތަކާއި ކުޅިވަރު މުނިފޫހިފިލުވުމުގެ ވަސީލަތްތަކާ އެކު ސިޓީގެ އެހެން ގެސްޓްހައުސް ހޮޓާތަކުގެ ވިޔަފާރިއަށް އެހީތެރިވެދޭނެ ސިޓީ ހޮޓަލެއް ދިއްދޫ އަދި ކުޅުދުއްފުށީގައި ގާއިމުކުރާނެއެވެ.
އޭގެ އިތުރުން މަސްކައްކާ ހިއްކާ އަދި ވެލިއު އެޑްކޮށްގެން މަހުން އެކި ބާވަތްތައް އުފައްދާ އަމިއްލަ ފަރާތްތަކަށް މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް ޕެކްކޮށް ލޭބަލްކުރެވޭނެ ވަސީލަތްތަކާ އެކު ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ދިއްދޫގައި ގާއިމުކުރާނެއެވެ.
ނޮޅިވަރަމްގައި ފްރީ ޓްރޭޑް ޒޯނެއް:
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާ އެކުވެގެން މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯކުރުމުގެ ހަރަކާތްތައް ހިންގުމަށް ނޮޅިވަރަމުގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރާނެއެވެ.
ކެލާގައި ލައިޓް މެނުފެކްޗަރިން ޕްލާންޓެއް:
ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށް އެއިން އެކި ބާވަތްތައް އުފައްދާ އަމިއްލަ ފަރާތްތަކަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް ޕެކްކޮށް ލޭބަލް ކުރެވޭނެ ވަސީލަތްތަކާ އެކު ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ގާއިމުކުރާނެއެވެ.
ޑިމޮކްރެޓްސްގެ އުތުރާއި ދެކުނުގެ ތަސައްވަރުގައި އުތުރުގެ ސަރަހައްދު ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހަޅާފައިވާއިރު، ހުވަދޫ އާއި ފުވައްމުލަށް އަދި އައްޑޫ ހިމެނިގެން ދެކުނު ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ވަނީ ހުށަހަޅާފައެވެ.