ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާ އެކު ވަގުތުން ފައިސާ ފޮނުވޭ ގޮތަށް ހަދާފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގެ ފުރަަތަމަ މަރުހަލާ ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށާފައިވަނީ މިިދިޔަ މަހުގެ 26 ވަނަ ދުވަހުގެރެއެވެ.
އެމްއެމްއޭއިން ބުނީ ފަވަރައިގެ ބޭނުން ކުރަން ފެށިފަހުން ހަފުތާއެއްގެ ތެރޭގައި އެ ސިސްޓަމްގެ ތެރެއިން 29،773 މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 128.42 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ފަވަރައިން ހިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެއް ކަމަށެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެ އޮތޯރިޓީން ބުނީ މި ވަގުތު މި ހިދުމަތް ލިބޭނީ މި ތިން ބޭންކުގެ މެދުގައި ހިންގާ މުއާމަލާތްތަކަށް ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އެ ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާއިރު، އިތުރު ހަތަރު ބޭންކަކުން މި ސިސްޓަމްގައި ބައިވެރިވުމަށް ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރި ހުރިހާ ބޭންކްތަކެއް މި ސިސްޓަމާ ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މިވަގުތު ދެނީ ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ފަވަރަ އައިޑީއިން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން ފަސޭހަކަމާ އެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމުގެ މަގުފަހިކޮށްދޭ ކަމުގައެވެ. އަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަން ޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ މި ސިސްޓަމްގެ ދެވަނަ ފިޔަވަހި ތައާރަފުކުރާއިރު ފަވަރައަށް ހާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް އީ-ވޮލެޓްތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދޭނެ ކަމަށެވެ. އެގޮތުން މިހާރު އީ-ވޮލެޓްތަކުގެ ހިދުމަތް ދެމުން އަންނަ އުރީދޫ އާއި ދިރާގާ އެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.