"ފުވައްމުލައް ވިޝަން" ހާމަކުރުމުގެ ގޮތުން މިއަދު އެ ސިޓީގައި ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ފުވައްމުލަކުގެ ކޮންމެ ދަރިއެއްގެ ސިކުނޑީގައި އެ ސިޓީ އާ ގުޅޭ ތަސައްވަރެއް އޮންނާނެ ކަމަށެވެ.
ޑިމޮކްރެޓުން އަންނަނީ ފުވައްމުލަކުގެ ރައްޔިތުންނާ އެކީ އެ ސިޓީއަށް ބޭނުންވާ ކަންތައްތައް ކުރުމަށްކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވެފައިވަނީ އެ ކަންކަން ކުރެވޭނެ ގޮތުގެ ޕްލޭނެއް އެޕާޓީގައި އެބައޮތް ކަމަށެވެ. ފުވައްމުލަކުގެ ބޭރުގައި އޮތީ ދުނިޔޭގެ އެންމެ ބޮޑު، އެންމެ މަޝްހޫރު "ޝާކް ޕޮއިންޓް" ކަމަށާއި އެ ތަނަށް ޑައިވް ކުރަން ބޭނުންވާ އެތައް މިލިއަނަރުން އެބަތިބި ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ޝާކް ޕޮއިންޓަށް މީހުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތް ކުރަން ޖެހޭނެއެވެ. މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މަސައްކަތަކީ ހަމައެކަނި ރިސޯޓު އޯނަރު ހިންގާ ރިސޯޓު ޕްރޮމޯޓްކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ފުވައްމުލަކުގަައި ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަރައްގީ އެ ސިޓީއަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޖާގަ އޮތް މިންވަރަކުން އެ ސިޓީގެ އެއާޕޯޓު ދިގުކޮށް، ބޮޑުކުރަން ޖެހޭ ކަމަށާއި ޑިމޮކްރެޓުންގެ ސިޔާސަތުތަކުގެ ތެރޭގައި އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވެފައިވަނީ ފުވައްމުލަކުގެ އެއާޕޯޓަށް ޖެޓް ޖެއްސޭނެ ގޮތާއި އެ އެއާޕޯޓު އޮތް ސަރަހައްދާ ކައިރީގައި ސިޓީ ހޮޓަލެއް އަޅައި ފަތުރުވެެރިކަން އިތުރަށް ކުރިއެރުވޭނެ ގޮތް އެ ޕްލޭނުގައި ހިމެނިފައިވާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ފުވައްމުލަކަކީ އެންމެ "ޕޮޓެންޝަލް" އެއް ސިޓީ ކަމަށާއި އެ ސިޓީ ތަރައްގީވެ، އެތަނުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތް ފަހިވާން ޖެހޭ ކަމުގައެވެ. އެގޮތުން އެ ސިޓީގައި އިގުތިސޯދީ މަަަސައްކަތްތަކާއި ޓޫރިޒަމް މަސައްކަތް ކުރާ ފަރާތަކަށް އެކަން ކުރިއަރުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވެފައިވަނީ އެ ކަން ކުރުމަށް ފުވައްމުލަކުގެ ރައްޔިތުންނާ އެކު އޭނާ ދެމިހުންނަވާނެ ކަމަށެވެ.
ފުވައްމުލަކުގެ ރައްޔިތުންގެ ސިކުނޑީގައި އެ ސިޓީ އާ މެދު ތަސައްވަރެއް އޮންނާނެކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ މި އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އޭނާއަށް ދޭ ވޯޓަކީ އެ ތަސައްވަރު ތަންފީޒުކޮށްދޭނެ ވޯޓެއް ކަމަށެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ ތަރައްގީގެ ތަސައްވަރަކީ އެ ސިޓީގެ ރައްޔިތުންގެ ސިކުނޑީގައި ނުވަތަ ވިސްނުމުގައި، އެ ފަރާތްތަކުން އެ ސިޓީއަށް ގެންނަން ބޭނުންވާ ތަސައްވަރު ކަމަށާއި އެއީ ޑިމޮކްރެޓުންގެވެސް ތަސައްވަރު ކަމުގައެވެ.