ads
ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ އޭވިއޭޝަން ދާއިރާގެ ކުރިމަގަށް މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް - ރައީސް އޮފީސް
"އޭވިއޭޝަންގެ ކުރިމަގަށް މީހުން ބިނާކުރުމުގެ މަސައްކަތް ފުޅާކުރަން ޖެހޭ"
ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން، ޕައިލެޓުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބުދަ ދުވަހުގެ ރޭ މީރުމާ ހޯލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާ ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކާ އަދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި އެވިއޭޝަން އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިސްބަތް އިތުރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ އޭވިއޭޝަން އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޕައިލެޓުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމް ފުރިހަމަ ކުރި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ކަމަށެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ވަނީ އެ ދަރިވަރުންގެ ކޯސްތައް ފުރިހަމަކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މިހާރުވެސް 15 ދަރިވަރަކު ކޯސްތައް ފުރިހަމަ ކުރަމުން އަންނައިރު، 10 ދަރިވަރަކު އެ އެކަޑަމީގައި ތަމްރީނުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމުގައެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އުފައްދާފައިވަނީ އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާ ހެދި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނީ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާހުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ދުވަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް