ads
ރައީސް ސޯލިހުގެ ކެމްޕޭނު އިވެންޓެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ
މުއިއްޒު އިންތިހާބުވެއްޖެނަމަ، އިތުރު ވޯޓެއް ނުލާނެ: މާރިޔާ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުކޮށްފި ނަމަ، ދެން އަލުން ރާއްޖޭގައި ވޯޓެއް ނުލާނެކަމަށް، މިނިސްޓާ އޮފް ޑިފެންސް އަދި ވެރިކަންކުރާ އެމްޑީޕީގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސް ނަންގަވައިގެން ރައީސް ސޯލިހްގެ ކެމްޕެއިނަށް ޖަގަހައެއް ހުޅުވަން މާލޭގައި ބޭއްވި ހަފްލާއެއްގައި މާރިޔާ ވިދާޅުވީ މުއިއްޒު އިންތިހާބުވެއްޖެނަމަ، އެއީ ރާއްޖޭގައި ލެވޭ އެއްމެ ފަހުގެ ވޯޓަށް ވެދާނެކަމަށާއި، އެއީ މުއިއްޒު އާއިއެކު ހަރަކާތްތެރިވާ މީހުންނަކީ ޑިމޮކްރަސީ އާއި ވޯޓް ގަބޫލު ނުކުރާ މީހުންނަށް ވާތީ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި މިއީ ރާއްޖޭގައި ދެން ލާނެ އެންމެ ފަހު ވޯޓު. ލައްކަ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އެބޭފުޅާ ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓާ ގަބޫލު ނުކުރާ ބައެއް. އެހެންވީމަ ޟޫރާ މަޖިލިހުން ނިންމައިގެން މި ފަސް އަހަރަށް ފަހު ދެން ވޯޓަށް ބަލާ އިރު ދެން އަންނާނީ އެކި ވައްތަރުގެ ފަތުވާތައް ވޯޓު ނެގުން، ވޯޓު ލުން އެއީ ހަރާން ކަންކަމަށް،" މާރިޔާ ވިދާޅުވިއެވެ.

ޝޫރާ މަޖިލިހެއް އުފެދި، އެމަޖިލީހުން ނިންމައިގެން، އެކި ވައްތަރުގެ ފަތުވާތައް ނެރުމަށްފަހު ވޯޓު ލުން އެއީ ހަރާންކަމެއް ކަމަށް ކަނޑައަޅާފާނެ ކަމަށާއި، އެހެންކަމުން ޕީއެންސީގެ މުއިއްޒު އިހްތިޔާރުކޮށްފިނަމަ، ރާއްޖެ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ދާ މަންޒަރު ފެންނާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރާއްޖެ ހެޔޮމަގަށް ގެންދިއުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި އަދި ރައްޔިތުން ބޭނުންވާ ރާއްޖޭގެ ގޮތުގައި މި ރާއްޖެ ބާއްވަން ބޭނުން ނަމަ، ރައީސް ސޯލިހަށް ހެޔޮ ފާހަގަ ޖެއްސެވުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ.

މީގެ ކުރިންވެސް ޑރ.މުއިއްޒުއަކީ ސަލަފް ޖަމާއަތުގެ ތާއީދުއޮތް ފަރާތެއްކަމަށް ދޭހަވާގޮތަށް، މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާކަން މިފުރުސަތުގައި ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް