ރާއްޖޭގައި އޮތީ ޒުވާން އާބާދީއެކެވެ. އެމީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އާއިލާ އާއެކު، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ނެތުމެވެ. ލިބޭ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެއްސުމެވެ.
ރައީސް ނަޝީދު ފަހަތުގައި ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ނެރުނީ ޒުވާން ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ ޒުވާން އާބާދީއެއް ކަމަށާއި ޒުވާނުން ބޭނުންވާ ސްޕީޑުގައި ކަންކަން ހާސިލު ކުރެވޭނީ އިލްޔާސް ފަދަ ހަލުވި ޒުވާން ކެންޑިޑޭޓަކަށް ކަމަށެވެ.
ރައީސް ނަޝީދު ނުނިކުންނަވާ، ޒުވާން ފަރާތަކަށް ފުރުސަތު ދިނުމުން ސާފުވަނީ ޑިމޮކްރެޓްސްގައި ޒުވާނުންނަށް އޮތް ފުރުސަތެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިލްޔާސްއަކީ މާލީ ކަންކަމަށް ވަރަށް ބޮޑަށް ލޯ ހުޅުވިފައިވާ، މެނިފެސްޓޯ ތަންފީޒު ކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ.
އިލިޔާސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގިނަ ކޮމެޓީ ތަކެއްގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި މާލިއްޔަތާއި ބަޖެޓް އަދި އިގުތިސޯދާ ގުޅޭ ކޮމެޓީތައް ހިމެނެއެވެ. އޭގެ އިތުުރުން ކޮވިޑް-19 ގެ ފަހުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރައްވާ، ރައްޔިތުންގެ އިހުސާސްތައް ވަނީ އަޑު އައްސަވާފައެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ޒުވާނުން ބޭނުންވާ ކަންތައްތައް ހާސިލު ކުރެވޭނީ އޭނާ ފަދަ ޒުވާނުންނާ އެކީ މަސައްކަތް ކުރެވޭނެ، ވަގުތު ހޭދަ ކުރެެވޭނެ، އެއް ސްޕީޑެއްގައި މަސައްކަތް ކުރެވޭނެ، ޒުވާނުންގެ ވިސްނުން އަންޑަސްޓޭންޑް ވާނެ، މީހަކަށް ކަމުގައެވެ.
އިލްޔާސްގެ އެންމެ ބޮޑު ފޯކަސްއަކީ ފަރުދީ ފުދުންތެރިކަން އިތުރުކޮށްދިނުމެވެ. އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އިލްޔާސްގެ ވިސްނުމަކީ އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ މީހާ އާ ގުޅިގެން ކުދި އިންޑަސްޓްރީތައް ތަރައްގީ ކުރުމެވެ. އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ މީހާއަށް ސަރުކާރަށް ކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދިނުމެވެ.
އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ މީހާއަށް، ބޭންކު ސްޓޭޓްމަންޓް ބެލުމެއް ނެތި ރަހުނަކާ ނުލައި ލޯނު ހަމަޖައްސައި ދެއްވާނެ ކަމަށާއި އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަކީ ދައުލަތުގެ އިދާރާތަކުން ބަލައިގަންނަ އެއްޗަކަށް ހަދާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ކޮންމެ ސަރުކާރަކަށްވެސް ހައުސިން ސްކީމްތައް ހިންގާ ފްލެޓާއި ގޯތި ދޫކުރެވިދާނެއެވެ. ހޯދައި ނުދެވެނީ ފްލެޓަށް ކުލި ދައްކާނެ ގޮތާއި އިމާރާތް ކުރުމަށް ނަގާ ލޯނު ދެއްކޭނެ ގޮތެވެ. އެކަން ހައްލު ކޮށްދެވޭނީ ފަރުދީ ފުދުންތެރިކަން އިތުރުކޮށްދީގެންނެވެ. ޒުވާނުން ބޭނުންވަނީ އަބުރުވެރި ދިރިއުޅުމެކެވެ.