ads
ޑރ.މުއިއްޒު ކެމްޕޭން ޖަލްސާއެއްގައި. ފޮޓޯ؛: ޕީޕީއެމް
މާލެހިޔާ ފްލެޓުތައް ތަޅާލައި 1500 ފްލެޓު އަޅާނަން: މުއިއްޒު
ވެރިކަން ލިބިވަޑައިގެންފި ނަމަ، ގަލޮޅު ދެކުނުގައި މިހާރު އިމާރާތްކޮށްފައިވާ މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ތަޅާލައި، އޭގެ ބަދަލުގައި 1500 ހައުސިންގް ޔުނިޓް ހިމެނޭ ފްލެޓްތަކެއް އަޅުއްވާނެކަމަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިރޭ މާލޭ ސިޓީގެ ގަލޮޅު ދެކުނު ކެމްޕޭން ޖަގަހަ ހުޅުއްވުމަށް ބޭއްވި ބައްދަލުވުމުގައި ގަލޮޅު ދެކުނުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، މިހާރު ހުރި ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓްތައް ތަޅާލާ، އާ އިމާރާތްތަކެއް އެތަނުގައި އަޅުއްވާނެ ކަމަށެވެ. އަދި އެއީ މާލޭ ސިޓީ ކައުންސިލްގެ ސްޓްރީޓީޖިކް އެކްޝަން ޕްލޭންގައި ހިމަނުއްވާފައިވާ ކަމެއް ކަމަށާއި، އެހެންނަމަވެސް އެކަން ވިޔަނުދީ ހިފެހެއްޓީ މިސަރުކާރުން ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. 

"މާލޭހިޔާ އާއި، ސިނަމާލެ ފްލެޓްތައް ތަޅާލައި، އެތަނުގައި މުޅިން އައު އިމާރާތްތަކެއް އެޅުމަކީ މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް. އެކަންކުރަން މަސައްކަތް ކުރުމުން، މިސަރުކާރުން އެވަނީ ހުއްޓުވާފަ. ހަމައެއްގޮތަކަށްވެސް ކުރެއްވިޔަކަ ނުދިން. އެހެންނަމަވެސް، ކަންތައް ދިމާކުރި ގޮތުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާން ޖެހުމާއެކު، ވެރިކަން އިންތިހާބުވެއްޖެނަމަ، މިސަރަހައްދުގައި 1500 ހައުސިންޔުނިޓް އިމާރާތް ކުރާނަން،" ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް، އަންނަ ރިޔާސީ އިންތިހާބުގައި އެބޭފުޅާ އިންތިހާބުވެއްޖެނަމަ، އެ ފްލެޓް ތައް ތަޅާލައި، އެތަނުގައި އައު އިމާރާތްތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެ، ޑރ.މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އަދި އަލަށް ކުރެވޭ އިމާރާތްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެން ދާނީ، މިވަގުތު އެ ފްލެޓްތަކުގައި ދިރިއުޅެމުންދާ 128 އާއިލާއަށް އެކަނި ނޫންކަމަށާއި، އެބޭފުޅާގެ ސަރުކާރެއްގައި ޕްލޭންކޮށްފައި އޮންނާނީ، ގަލޮޅު ދެކުނުގައ 1500 ހައުސިންގް ޔުނިޓް އިމާރާތްކުރާގޮތަށް ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އިމާރާތްކުރެވިގެން ދާނީ، މިހާރަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، މިހާރަށްވުރެ ބޮޑު، ޕާކިންގްވެސް ހިމެނޭގޮތަށް ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. 

އަދި އަލަށް އިމާރާތްކުރެވޭ ފްލެޓްތަކުން، މިހާރު ސިނަމާލެ އަދި މާލޭހިޔާ ފްލެޓް ތަކުގައި ދިރިއުޅެމުންދާ 128 އާއިލާއަށް ފްލެޓް ދެވޭނީ ހިލޭކަމަށްވެސް (128 އާއިލާތަކުގެ ތެރެއިން ފްލެޓް ތައް އަމިއްލަކޮށްފައިވާ ފަރާތްތަކަށް) ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި ފްލެޓްތައް އަމިއްލަ ނުކުރެވި ތިބި ފަރާތްތަކުންވެސް ދައްކަން ޖެހިވަޑައިގަންނަވާނީ، އެބޭފުޅުން މިހާތަނަށް ދައްކާފައިވާ ފައިސާތައް ކެނޑުމަށްފަހު، ބާކީ ދައްކަން ޖެހޭ ފައިސާއެއްކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދު ދިވެހިންނަށް މިއޮތީ އަމިއްލަ މިނިވަންކަން އަނބުރާ ހޯދަން ޖެހިފައިކަމަށެވެ.

މިސާލު ދައްކަވަމުން، ޑރ.މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި، އެޗާޓްތައް އިިންޑިއާއިން މިލްކުކޮށްފައިވާ ކަމަށާއި، އެޗާޓްތައް ހޯދަން ބޭނުންނަމަ، މިއަދު ދިވެހިންނަށް ޖެހެނީ، ދިވެހިންގެ ޓެކްސް ފައިސާއިން އެޗާޓްތައް ގަންނަން ކަމަށާއި، އެވެސް އިންޑިއާއިން ކަނޑައަޅާ އަގެއްގައި ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، މިއަދު ފެނިގެން ދިޔަ ސިޓީގައި ބުނެފައިވާ ފަދައިން ހދ.ހަނިމާދޫ އާއި، އައްޑުއަތޮޅުން 15 ހެކްޓަރުގެ ބިން 99 އަހަރަށް ދޭން އެއްބަސްވެފައިވާ ކަމަށާއި، އޭގެ ބަދަލުގައި ލިބެނީ ކޮންމެވެސް ވަރެއްގެ ލާރިކޮޅެއް ކަމަށެވެ.

"މިއަދު ފެނިގެން އެދިޔަ ސިޓީ ގައި ބުނެފައިވަނީ، ހދ.ހަނިމާދޫ އެއަޕޯޓާއެކު 15 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް އެއްބަސްވާ ކަމަށް. އައްޑުއަތޮޅުގެ ގަމުގެ އެއަޕޯޓާއެކު ވެސް 15 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް އެއްބަސްވާ ކަމަށް. ބަދަލުގަ ކުޑަ ފައިސާކޮޅެއް މިލިބެނީ. އަޅުގަނޑުމެންގެ މިނިވަންކަމަކީ މިހާ ޗީޕްކޮށް ދެވޭނެ އެއްޗެއް ނޫން. މިހެންވެ، ގައުމުގެ ހައްގުގައި ކޮށްދެވޭނެ އެއްމެ ރަގަޅު ކަމަކަށް އަޅުގަނޑަށް ވޯޓް ދިނުން ވެގެންދަނީ." ޑރ.މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، މިއަދު ލޯމަރާލައިފިނަމަ، ދިވެހިރާއްޖެ ދާނީ ބޭރު ބައެއްގެ އަތްމައްޗަށް ކަމަށާއި، އެއީ އިންޑިއާގެ އަތްމައްޗަށް ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަދި އެހެންކަމާއެކު، ގައުމުގެ ހައްގުގަ، އަދި މިނިވަންކަމުގެ ހައްގުގަ، އަންނަ ހޮނިހިރުދުވަހު ބޭއްވޭ ރިޔާސީ އިންތިހާބުގައި، އެބޭފުޅާއަށް ވޯޓް ދެއްވުމަށް އެދި ވަޑައިގަންނަވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް