އިހަވަންދޫ ކައުންސިލުން އެ ކުންފުނި ބަދުނާމުވާ ގޮތަށް ޝާއިއުކޮށްފައިވާ ހަބަރާ ގުޅޭގޮތުން އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައި، ދިވެހި ސަރުކާރުން އެކަށައަޅާފައިވާ އިސްތިރާޖީ ރޭވުންތަކާއި ގައުމުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކާއި އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން އަންނަ އެކިއެކި ހަރަކާތްތައް ބަލައިގަނެ، ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ރައްޔިތުންގެ ކުންފުނި" ސްލޯގަންގެ ދަށުން އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ މުޖްތަމައަށް ހިދުމަތްކުރުމުގެ ރޫހުގައިކަން ފާހަގަކޮށް އެމްޓީސީސީން ބުނެފައިވަނީ ހިތާމަޔަކީ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް އަދި އެ ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރަމުންދާކަން ކަމަށެވެ. އެގޮތުން އިހަވަންދޫ ކައުންސިލުން ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ "ދެންނެވުން" ނަންބަރު 2023/4 އަކީ ކަނޑައެޅިގެން ހަގީގަތް ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ޝާއިއުކޮށްފައިވާ ލިއުމެއްކަން ފާހަގަކޮށް، އެކަން ކުށްވެރިކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި އިހަވަންދޫ ކައުންސިލުގެ "ދެންނެވުން" ނަންބަރު 2023/4 އަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި އެ ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ކުންފުނިން ކޮށްދެމުން އަންނަ އިޖުތިމާއީ ހަރަކާތްތަކާއި ކުންފުންޏަށް އުފެދިފައިވާ އިތުބާރާއި ލޯބި ފަނޑު ކޮށްލަން ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަން ހިތާމަ އާއެކު ފާހަގަކުރާ ކަމުގައެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދޭ މަސައްކަތްތަކަކީ އެ ކުންފުނިން ކުރިޔަށް ގެންދާ އަސާސީ މަޝްރޫއުތަކަށް ބުރުލެއް ނާރާގޮތަށް ކޮށްދެވޭ މަސައްކަތަކަށްވާއިރު، އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެވޭ މަސައްކަތްތައް ނިންމުމަށް ސީދާ ވަކި ތާރީހެއް ކަނޑައެޅިފައި ނުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އިހަވަންދޫ ކައުންސިލުން ޝާއިއުކޮށްފައިވާ ދެންނެވުމުގައި ބަޔާންކޮށްފައިވާ މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދިނުމަށް ކުންފުންޏާއި ކައުންސިލާ ދެމެދު ވާހަކަ ދެކެވިފައިވާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަސައްކަތަކަށްވުމާ އެކު، މަސައްކަތް އަވަހަށް ފެށުމަށްޓަކައި ވެލިއެޅުމަށް ބޭނުންވާ
ގޯތިތަކުގެ ލިސްޓެއް އެ ކުންފުންޏާ އެކު ހިއްސާކުރުމަށް އިހަވަންދޫ ކައުންސިލާ އެކު ބޭއްވުނު ބައްދަލުވުމުގައި އެދިފައިވާ ކަމަށް އެމްޓީސީސީން ބުނެެެއެވެ. އެ ކުންފުނިން ބުނެފައިވަނީ
މިގޮތަށް ލިސްޓަކަށް އެދިފައިވާ މައިގަނޑު ސަބަބަކީ ކައުންސިލުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ވެލިއެޅުމަށް އެދިފައި ވީނަމަވެސް، އޭގެން ބައެއް ބިންތަކަށް އެ ގޯތިތަކުގެ ވެރިފަރާތުން ވެލިއަޅަން ބޭނުންނުވާތީ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ ލިސްޓެއް އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނިން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމުލަ 1.05 މިލިޔަން ރުފިޔާ އެކިއެކި ހަރަކާތްތައް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް އިހަވަންދޫގައި ކުރިއަށް ގެންގޮސްފައިވާ ކަމުގައެވެ. އިހަވަންދޫ ކައުންސިލުން ނެރެފައިވާ ބަޔާނަކީ ރައްޔިތުން ތެރޭގައި އެ ކުންފުންޏާ ދޭތެރޭ ނަފްރަތު އުފެދޭގޮތަށް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނީ މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިޔަ ނަމަވެސް، ގިނަ ފަރާތްތަކުން އެ ކުންފުނިން އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެމުންގެންދާ ހަރަކާތްތައް ވަރަށް ޝުކުރުވެރިކަމާ އެކު ބަލައިގަންނަކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެ ކުންފުނި ބަދުނާމުވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭފަދަ ގޮތަށް، މިފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ނުފެތުރުމަށް އިހަވަންދޫ ކައުންސިލަށް އިލްތިމާސްކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ ދިވެހި ސަރުކާރާއި ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންގެ އިތުުރުން ވިޔަފާރީގެ އެންމެހާ ބައިވެރިން އެ ކުންފުންޏަށް ކުރަމުންގެންދާ އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ.