ޓްރާންސްޕޭރެންސީން ހާމަކޮށްފައިވާ ގޮތުގައި، %86 ވޯޓުލާ މަރުކަޒު ތަކުގައި ވޯޓުލުން ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓު ތެރޭ ފެށިފައިވާ ކަމަށެވެ. އަދި ހުރިހާ ވޯޓުލާ މަރުކަޒެއްގައި ހެން ހާޒިރުވެ ތިބެން ޖެހޭ އޮފިޝަލުން ހަމައަށް ހާޒިރުވެފައިވާ ކަމަށާއި ވޯޓުލުމަށް ބޭނުންވާ ތަކެތިވެސް ހުރިހާ މަރުކަޒެއްގައި ހަމައަށް ހުރިކަން ފާހަގަކުރެވޭކަމަށް ވެސް ބުންޏެވެ.
އެ ޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި އިންތިހާބަށް ވޯޓުލުން ފެށުމުގެ ކުރިން މަރުކަޒުތަކުން، ވޯޓު ކަރުދާސް ގުނާ ހަމަަކޮށް، ވޯޓު ފޮށިތައް ހުސްކަން ޔަގީން ކުރެވިފައިވެއެވެ.
ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވޯޓުލާ މަރުކަޒުތަކެއްގައި ހާޒިރުވެ ތިބިކަމަށާއި، %96 މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުން ބޭރުގައި ކަމަށެވެ. އަދި އިންތިހާބުގެ %97 ވޯޓު ފޮށި ތައްޔާރު ކޮށްފައިވަނީ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމުގައިވެސް، ޓްރާންސްޕޭރެންސީން މައުލޫމާތު ދީފައިވެއެވެ.