ނޭމާ މި ރެކޯޑު ހެދީ ބޮލީވިއާ އާއި ބްރެޒިލް ވާދަކުރި ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައެވެ. ބްރެޒިލްއިން މި މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ނުކުތް އިތުވެސް ނޭމާ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މީގެ ކުރިން ބްރެޒިލްގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ ފުޓްބޯޅަ ލެޖެންޑް ޕެލޭ އަތުގައެވެ. ޕެލޭ މި ރެކޯޑު ހަދާފައިވަނީ 77 ލަނޑު ޖަހައިގެންނެވެ.
ޕެލޭ މި ރެކޯޑު ހެދީ 92 މެޗު ކުޅެގެންނެވެ. ޕެލޭގެ ރެކޯޑު ނޭމާ މުގުރާލީ 125 މެޗު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދީގެންނެވެ.
ބޮލީވިއާ އާއި ވާދަކުރި މި މެޗުގައި ނޭމާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އޭނާ ރެކޯޑު ހެދީ އޭގެ ފަހުންނެވެ. މި މެޗުގައި ނޭމާ ދެލަނޑު ޖެހިއެވެ. މިއާއެކު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 79 އަށް އަރާފައެވެ.
ރެކޯޑު ހެދުމަށްފަހު ނޭމާ ބުނީ މިއީ ދުވަހަކުވެސް ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދުކުރި ކަމެއް ނޫން ކަމަށެވެ. އަދި މި ރެކޯޑު މުގުރާލުމަކީ އޭނާ ޕެލޭއަށްވުރެ މޮޅުވުން ނޫން ކަމަށްވެސް ނޭމާ ބުންޏެވެ.
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ އެގައުމުގެ އަންހެން ފުޓްބޯޅަ ޓީމުގެ މާޓާއެވެ. އޭނާ ވަނީ 189 މެޗުން 122 ލަނޑު އެޓީމަށް ޖަހައިދީފައެވެ.