ads
ރައީސް ސޯލިހު ކޯލިޝަންގެ ބައެއް އިސް ބޭފުޅުންނާއެކު---
ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ގޮތުގެ މަގުޗާޓު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއެކު މިހާރު އެންމެން ވެސް ކުރާ ސުވާލަކީ ދެވަނަ ބުރުގައި ވާނީ ކިހިނެއް ހެއްޔެވެ؟ ގިނަ ބަޔަކު ދެކޭ ގޮތުގައި ވަރަށް ސާފެވެ. އެއީ 100000 ވޯޓުގެ ނަތީޖާއަކާއެކު ކުރީގައި އޮތް ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ދެވަނަ ބުރު ވެސް ކާމިޔާބު ކުރެއްވުމެވެ. ދެވަނަ ބުރު ކާމިޔާބު ކުރައްވަން މިވަގުތު އެންމެ ފަސޭހަ ކެންޑިޑޭޓަކަށް ހުންނެވީ ޑރ.މުއިއްޒެވެ. 85000 ވޯޓާއެކު ދެވަނައިގައި އޮތް ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ވެސް އަދި ވެސް ފުރުސަތު އެބައޮތެވެ. ނަމަވެސް އެކަމައްޓަކާ ރައީސް ސޯލިހުގެ ކުޅިބައި ވަރަށް ރަނގަޅަށް އަތުރާލާ ކުރަން ޖެހޭ މަސައްކަތްތައް ގިނައެވެ.
Advertisement

 ކިންގްމޭކަރު ޑިމޮކްރެޓްސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު އުފެއްދި ޑިމޮކްރެޓްސްގެ އަމާޒަކަށް ފުރަތަމަ ބުރުގައި އޮތީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރައީސް ސޯލިހު ބަލި ކުރުމުވެ. ފުރަތަމަ ބުރުގައި އެ ނަތީޖާ ނުކުމެއްޖެއެވެ. ދެން އޮތީ ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި އަރާނެ ކޮޅެކެވެ. 15000 ވޯޓާއެކު ފުރަތަމަ ބުރުގައި އެންމެ ބޮޑު ސިހުމެއް ރާއްޖޭގެ ސިޔާސީ މަސްރަހަށް ގެނުވީ ހަގީގަތުގައި ވެސް ޑިމޮކްރެޓްސްއެވެ. ޑިމޮކްރެޓްސްއިން ކިތަންމެ ރީތިކޮށް ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމީހުންގެ މަގާމު ސާފުކޮށްދީފިއެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ މުއިއްޒަށް ވެސް ރައީސް ސޯލިހަށް ވެސް މިވަގުތު އެންމެ މުހިއްމު ބައިވެރިއަކަށް ވާނީ ޑިމޮކްރެޓްސްއެވެ. 

ސިޔާސީ ގޮތުން ފުންނާބު އުސް ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނެވި ޑިމޮކްރެޓްސްއިން ރައީސް ސޯލިހުގެ ފަހަތަށް ނާރަފާނެއެވެ. ސަބަބަކީ ޑިމޮކްރެޓްސް އުފެއްދުމުގެ އެއް ސަބަބަކީ ވެސް ރައީސް ސޯލިހު ބަލިކޮށް އެމްޑީޕީ ރޫޅާލާ، އެ ޕާޓީގެ ކޮންޓްރޯލު ރައީސް ނަޝީދަށް އަލުން ހޯދުމެވެ. އެ މަގުސަދު ހާސިލު ކުރެވޭނީ ދެވަނަ ބުރުގައި ރައީސް ސޯލިހު ބަލިކޮށްގެންނެވެ. 

ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީ ރޫޅާލާނެ ކަމަށް ތަކުރާރުކޮށް ރައީށް ނަޝީދު ވިދާޅުވި ނަމަވެސް އެއީ ހުދު ރައީސް ނަޝީދަށް ވެސް އެކަމުގައި ފައިދާއެއް އޮތް ކަމެއް ނޫނެވެ. އެއީ ރައީސް ނަޝީދުގެ މަގުސަދަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމެވެ. އެކަމަށް ރައީސް ނަޝީދުވަނީ މަގެއް ވެސް ދައްކަވާފައެވެ. އެކަމަށް ރައީސް ސޯލިހަށާއި އެމްޑީޕީގައި ތިބި ނުފޫޒު ގަދަ ބައެއް ފަރާތްތަކަށް އެއްބަސް ނުވެވުނީއެވެ. އެއީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ދިއުމެވެ. އެހެންކަމުން ރައީސް ސޯލިހު ބަލި ކުރުމަށްވުރެ ބޮޑަށް ރައީސް ސޯލިހާއެކު ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެ ނިޒާމުގެ ތެރެއިން ސަރުކާރު ހިންގުމުގެ އެންމެ މަތިފަޑިއަށް އައުމަށް ރައީސް ނަޝީދަށް ފުރުސަތު އެބައޮތެވެ. 

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައީސް ސޯލިހު އެއްބަސްވެވަޑައިނުގަންނަވަންވީ ސަބަބެއް ނެތެވެ. ރައީސް ނަޝީދު ހުށަހަޅުއްވާ އެ ގޮތް ގަބޫލު ކުރަން ޖެހޭ ސަބަބު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެކަން ގަބޫލު ކުރަން ޖެހޭކަން އެއޮތީ ޑިމޮކްރެޓްސްގެ ނަތީޖާއިން ދައްކާފައެވެ. ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނެވެ. 

ގާސިމު އަދިވެސް މުހިއްމު

ތެދެކެވެ. ގާސިމު އިބްރާހީމަށް މިފަހަރު ލިބުނީ ގަބޫލު ކުރަން ދަތި އަދަދެކެވެ. ނަމަވެސް 5500 ވޯޓާއެކު ގާސިމަކީ އަދިވެސް ރައީސް ސޯލިހަށް ވެސް ޑރ.މުއިއްޒަށް ވެސް ވަރަށް މުހިއްމު ބޭފުޅެކެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއެކު 5500 ވޯޓަކީ ވެސް ކުޑަ އަދަދެއް ނޫނެވެ. 

މިހާރު ކަން އޮތްގޮތަށް ބަލާއިރު ގާސިމަކީ ސަރުކާރު ކޯލިޝަންގެ ޕާޓުނަރެކެވެ. ކެބިނެޓުން ފެށިގެން އެތައް މަގާމެއްގައި ގާސިމުގެ މީހުން ސަރުކާރުގައި އެބަތިއްބެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި ގާސިމުވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް ގާސިމު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެއީ ރައީސް ސޯލިހާ ނުވަތަ އެމްޑީޕީއާ އޮތް ޒާތީ ކަމެއް ނޫނެވެ. ގާސިމު މިފަހަރު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވަމުން ގެންދެވި އެއްވާހަކައަކީ އެމްޑީޕީއަށް ވެސް ޕީޕީއެމަށް ވެސް ގާސިމާ ނުލައި ވެރިކަމަށް އާދެވިފައި ނެތް ވާހަކައެވެ. 

އެމްޑީޕީ ދެފަހަރަށް ވެރިކަމަށް އައުމުގައި ވެސް ގާސިމުގެ ދައުރު ބޮޑެވެ. 2018 ގައި ޕީޕީއެމް ވެރިކަމަށް އައީ ވެސް ގާސިމުގެ އެހީތެރިކަމާއެކުއެވެ. އެހެންކަމުން ކުރިމަތީގައި އޮތީ މިފަހަރު ގާސިމުގެ ތާއީދު ދެއްވާނީ ކޮން ޕާޓީއަކަށްތޯ އޮތް ސުވާލު އެކަންޏެވެ. 

ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ރައީސް ސޯލިހާއެކު ވަޑައިގެންނެވުމަކީ ގާސިމަށް އެންމެ ފަސޭހަ އަދި މަންފާ ވެސް ބޮޑު ގޮތެވެ. އެއީ ވޭތުވެ ދިޔަ ފަސް އަހަރަށް ބަލާއިރު ރައީސް ސޯލިހުވަނީ ރެކޯޑު މުގުރާލައްވާ ކޯލިޝަނަކީ ދެމެހެއްޓިދާނެ އެއްޗެއްކަން ސާފުކޮށް ދެއްވާފައެވެ. އަދި ގާސިމު އިބްރާހީމުގެ ވިޔަފާރިތަކަށް ދަތިކޮށް، ވިލާގެ އެއާޕޯޓުތައް އިންޓަނޭޝަނަލް އެއާޕޯޓުތަކުން އާދައިގެ ފެރީ ޓާމިނަލުތަކަށް އަދި ވިލާ ކޮލެޖު ޕްރީ ސުކޫލަކަށް ބަދަލުކޮށް ނުލާ ، ގާސިމާއި އޭނާގެ ދަރިން ޖަލަށްނުލާ ވެސް ވެރިކަން ކުރެވިދާނެކަން ރައީސް ސޯލިހުވަނީ ސާބިތުކޮށް ދެއްވާފައެވެ. 

އުމަރު ނަސީރު 

އިންތިހާބުގައި އެންމެ އުންމީދު ނުކުރާ ކަހަލަ ނަތީޖާއަކާއެކު ތަފާތު ދެއްކީ 6000 ވޯޓާއެކު އުމަރު ނަސީރެވެ. ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލާއިރު އުމަރު ނިންމަވާ ކޮންމެ ނިންމެވުމަކީ ވެސް ދެވަނަ ބުރުގެ ނަތީޖާ ބަދަލުކޮށްލާފާނެ ނިންމުމެވެ. ނަމަވެސް 2008 ގެ ފަހުން އުމަރު ނަސީރު އެމްޑީޕީއާއެކު މަސައްކަތްކޮށްފައެއް ނުވެއެވެ. 2013 ވަނަ އަހަރު އުމަރު ހުންނެވީ ޕީޕީއެމްގައެވެ. ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށް ބަލިވުމުން ހިޔާލު ތަފާތުވުން އުފެދުނު ނަމަވެސް އުމަރަށްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބާރުގަދަ އެއް މަގާމު ކަމަށްވާ ހޯމް މިނިސްޓަރުކަން ދީފައެވެ. 2018 ވަނަ އަހަރު އިދިކޮޅު ހުރިހާ އެންމެން ގުޅިގެން ތަފާތު ބޮޑުކޮށް ރައީސް ޔާމީން ބަލި ކުރި އިރު ވެސް އުމަރު ހުންނެވީ ވަކި ކޮޅަކަށް ނާރުއްވައެވެ. 

ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އުމަރު މިފަހަރު ވަޑައިގެންނެވުން އެންމެ ގާތީ މުއިއްޒާއެކުއެވެ. ނޫން ނަމަ ވަކިކޮޅަކަށް އަރާ ވަޑައިނުގެން ހުންނަވާނީއެވެ. މުއިއްޒުގެ ނަތީޖާއަށް ބަލާއިރު 6000 ވޯޓާއެކު މުއިއްޒަށް އޮތް ހައްލަކަށް އުމަރު ހަމަ ވެދާނެއެވެ. 

ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލާއިރު ދެން ތިބީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫނާއި، އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. 3000 ވޯޓާއެކު ފާރިސް ވެސް ކިތަންމެ ކުޑަ ނަމަވެސް ބާރެއް ސިޔާސީ މަސްރަހުގައި އޮތްކަން ސާފުކޮށް ބުނެދީފިއެވެ. 25000 މެންބަރުންނާއެކު ތިބި ބޮޑު ޕާޓީތަކަށް އެ މެންބަރުންގެ ކަށަވަރުކޮށް ހޯދާ ނުދެވުނު ނަމަވެސް 3000 މެންބަރުން ހަމަނުވެގެން އެމްއާރުއެމް އުވާލަން ނިންމާފައިވާ އިރު އެ ނިންމުމާ މެދު ސުވާލު އުފައްދާނެ ޖާގަ ފާރިސް މައުމޫނު ހޯއްދަވައިފިއެވެ. 

9000 އެއްހާ މެންބަރުން ތިބި އެމްއެންޕީން ނުކުމެވަޑައިގެންނެވި ނާޒިމަށް ވެސް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއަކާއެވެ. 

ފުރަތަމަ ބުރުގެ ނަތީޖާއިން ވެސް ސާފުވި ކަމަކީ އަދިވެސް ރާއްޖޭގައި ކޯލިޝަނަކާ ނުލައި ވެރިކަން ނުކުރެވޭނެ ކަމެވެ. ދެން ސާފުވި އަނެއް ކަމަކީ ކޮންމެ ސަބަބަކާ ހެދި ނަމަވެސް ދިވެހިންގެ އިތުބާރާ ޝައުގުވެރިކަން ސިޔާސީ ކަންކަމަށް ނެތެމުންދާ ކަމެވެ. ދެވަނަ ބުރުގެ ނަތީޖާއަށް ބަލާއިރު ފުރަތަމަ ބުރުގައި ވަކިކޮޅަކަށް ވޯޓުލާން ނުނުކުމެ ތިބި 50000 ވުރެ ގިނަ މީހުންނަކީ ވެސް ނަތީޖާ ކޮންމެ ކޮޅަކަށް ވެސް ބަދަލުކޮށްލުމުގެ ބާރު އޮތް ބައެކެވެ. 

66%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް