ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ދެ ވަނަގައި އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހެވެ. އަދި ފަނަރަ ހާހަށް ވުރެ ގިނަ ވޯޓާ އެކު އިންތިހާބު ކިންގް މޭކަ ކަމުގެ ލަގަބު ކަށަވަރު ކޮށްފައި ވަނީ ރައީސް ނަސީދުގެ ޑިމޮކްރެޓިކުން ނެވެ.
މިމަހުގެ 30 ވަނަ ދުވަހު ދެވަނަ ބުރުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ އިރު، ރައީސް ނަސީދުގެ ދަ ޑިމޮކްރެޓްސް ޕާޓީގެ ޑިމާންޑް އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ދަ ޑިމޮކްރެޓިކް ޕާޓީގެ ވޯޓު ކަށަވަރުކުރާ ކެނޑިޑޭޓަކަށް ރައީސް ކަމުގެ ގޮނޑި ގާތްގަނޑަކަށް ކަށަވަރުވެފައިވާކަމަށް ބުނަމުންދާއިރު، ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒާއި ގުޅިވަޑައިގަންނަވާނެ ކަމުގެ އިސާރާތެއް މިހާރު ވެސް ރައީސް ނަސީދު ވަނީ ދެއްވާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރު ކުރުމަށް ކޯލިޝަން ހަދަން މަޖުބޫރު ކަމަށާއި ހަދަންޖެހޭ ބަޔަކާ އެކު އެކަން ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށް، އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން އުޅުއްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަ ދީ އަދި އެ ގޮތްތައް މި ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.
މީގެ އިތުރުން ރައީސް ނަސީދު ވިދާޅުވެފައި ވަނީ ރައީސް ސޯލިހް މާގަދަވާނެ ކަމަށާއި އެމަނިކުފާންގެ އެހީތެރިކަން ރައީސް ސޯލިހް ބޭނުންފުޅުވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ކިންގް މޭކަ ކަމުގެ ބާރު ރައީސް ނަސީދުގެ ޑިމޮކްރެޓިކް ޕާޓީއަށް ކަށަވަރުވެފައި ވާއިރު މީގެ ކުރިން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ރައީސަކު ކަނޑައެޅުމުގެ ބާރު ލިބިގެން ގޮސްފައި ވަނީ ޖުމްހުރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމަށެވެ. އެހެން ނަމަވެސް މިފަހަރު ގާސިމަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރުގެ ފަހަތުން ފަސް ވަނަ މަގާމެވެ.