ads
އެމްޕީ އިބްރާހިމް ވަހީދު އަދި ޑިމޮކްރެޓްގެ ރަނިންމޭޓު ހުސެން އަމްރު
ތިން މަހު ކެމްޕެއިނުން އެމްޑީޕީ ބަލިކޮށްފިން: އަމްރު
މުޅިން އައު ސިޔާސީ ޕާޓީއެއް އުފައްދައި ތިން މަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ލިބުނު ނަތީޖާ ރަނގަޅުކަމަށާއި ސަރުކާރުގެ ނުފޫޒާއި ބާރުތަކާ ދެކޮޅަށް ކުރި މަސައްކަތުން އެމްޑީޕީ ބަލި ކުރެވުނުކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.

އިލްޔާސްއަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އިލްޔާސް ވަޑައިގަތީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ލިބުނު ނަތީޖާގެ އުފަލުގައި ސަޕޯޓަރުންނަށް މިއަދު ދެއްވި ހަވީރުގެ ސަޔަށް ފަހު އަމްރު ވިދާޅުވީ ރަށްރަށުގައި އެ ޕާޓީގެ ކެމްޕެއިން ދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެކަން ކުރެވުނީ ކެމްޕެއިން ޓީމުތަކުގެ މެދުގައި އޮތް ބަދަހިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ރަށްރަށަށް ދަތުރު ކުރަމުން ދިޔައީ، އަޅުގަނޑުމެންގެ ހުރިހާ ޓީމްތަކަކުން ހުރިހާ ރަށަކަށް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންގެ ކެމްޕެއިން ޓިމެއް ވަރަށް ގަދަކޮށް އޮތްތަން، އަޅުގަނޑުމެންގެ އެންމެ ކުރީއްސުރެ އޮތް ޓީމްތައް ވަރަށް ބަދަހިކޮށް އޮތްކަން ފެނިގެންދިޔަ، އެކަމުގެ ނަތީޖާ ހަގީގަތުގައި ފެނިގެން މި ދިޔައީ.." އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ވިދާޅުވި އެވެ.

މިގޮތުން ތިން މަސް ތެރޭގައި ސިޔާސީ ޕާޓީއެއް ހަދައިގެން، ކުރި ކެމްޕެއިނަކުން މުޅި ދައުލަތް ބަލިކޮށްފައިވާ ކަަމަށް އަމްރު ފާހަގަކުރެއްވިއެވެ.

"ސިޔާސީ ޕާޓިއެއް ހަދައިގެން ނުކުމެ، 3 މަސް ތެރޭގައި ކުރި ކެމްޕެއިނަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮތީ މުޅި ދައުލަތެއް ބަލިކޮށްފައި. އެހެންކަމުން ތިބޭފުޅުންނަށް އަޅުގަނޑުމެންގެ ހިފަހެއްޓުމެއް ނެތް ޝުކުރު ދަންނަވަން،" ހަވީރު ސައި ފޮދުގައި ބައިވެރިވި ޑިމޮކްރެޓުންނާއި މުހާތަބުކޮށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ތިން މަސް ދުވަހުގެ މަސައްކަތް ދިޔައީ ބާރު ސްޕީޑެއްގައި، ވަރުގަދަކޮށްކަމަށާއި އެކަން ކުރެވުނީ ޕާޓީގެ ތެރޭގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ބާރާ ނުފޫޒުގެ ތެރޭގައި އޮތް ދައުލަތެއް ބަލި ކުރެވުނު އެއް ސަބަބަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް