ads
ވޯޓުގެ ސައްހަ ނަތީޖާއަަށް އަސަރުކުރާވަރުގެ ކަމެއް ނުހިނގާ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައި - ފޮޓޯ:އެމްޑީޕީ
ވޯޓުގެ ސައްހަ ނަތީޖާއަަށް އަސަރު ކުރާވަރުގެ ކަމެއް ނުހިނގާ: ޓްރާންސްޕޭރެންސީ
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ހުރިހާ މަރުހަލާއެއްގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ގޮސްފައިވަނީ ރަނގަޅަށް ކަމަށާއި ވޯޓުގެ ސައްހަ ނަތީޖާއަަށް އަސަރުކުރާވަރުގެ ކަމެއް ނުހިނގާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޓްރާންސްޕޭރެންސީގެ އޮބްޒާވަރުން ހޯދި އިންތިގާލީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ އިންތިހާބާ ގުޅޭ ކުދި ކުދި މައްސަލަތަކެއް ފާހަގަކުރެވުނު ނަމަވެސް އިންތިހާބުގެ ހުރިހާ މަރުހަލާއެއްގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ގޮސްފައިވަނީ ރަނގަޅަށް ކަމަށެވެ.

އިންތިހާބުން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި އީސީން ދޫކުރާ ކަރުދާސް ނޫން ކަރުދާސް ބޭނުންކުރުން ހުއްޓުވުމަށް ވޯޓުލާ ބޫތު ބަހައްޓާ ގޮތް ބަދަލުކޮށްފައި ހުރުން ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ޓްރާންސްޕޭރެންސީން ބުނި ގޮތުގައި މަރުކަޒުތަކުގެ ލޭއައުޓްތައް އެއްގޮތަކަށް ހުރި ނަމަވެސް މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުވުމުގެ ސަބަބުން ބައެއް މަރުކަޒުތަކުގައި މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ތިބެން ޖެހުނީ ބޫތާ ކައިރީގައި ކަމަށާއި އެކަމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ.

ބައެއް ސިޔާސީ ހަރަކާތްތަކުގައި އާންމުންގެ އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާތީ، ކެމްޕެއިން އުސޫލުތަކާ ހިލާފުވެ ހަމަނުޖެހުން ހިންގައި މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުގެ އެކި ހާދިސާތައް ފާހަގަ ކުރެވުނު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީން ބުނީ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ކެންޑިޑޭޓަކަށް ހަމަލާދިނުމާއި ސޯޝަލް މީޑިއާގައި ކެންޑިޑޭޓަކަށް މަރުގެ އިންޒާރު ދިންކަމުގެ މައްސަލައެއްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ރަސްމީ މަސްއޫލިއްޔަތާއި ކެމްޕެއިން ހަރަކާތްތައް ވަކިކުރެވޭނެ ގޮތެއް ރަނގަޅަށް ބަޔާންކޮށްފައި ނުވުމުން ކެމްޕެއިނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބޭކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނެފައިވަނީ އެކަމުގެ ސަބަބުން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓު ކަރުދާހުގެ ސިއްރު ނުގެއްލޭނެހެން ވޯޓުލާ މަރުކަޒުތަކުގެ ލޭއައުޓް ބަދަލުކޮށް، ޖާގަ ތަނަވަސް ތަންތަނަށް މަރުކަޒުތައް ބަދަލުކުރުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ. އަދި ކަރުދާހުގައި ފާހަގަ ޖަހާ ވަގުތު ފޮޓޯ އަދި ވީޑިއޯ ނުނަގާކަން ކަށަވަރު ކުުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ވާދަވެެރި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 100،723 ވޯޓު ހޯއްދެވިއިރު، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،126 ވޯޓެވެ.

ރައީސް ނަޝީދު ފަހަތުގައި ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިލްޔާސް ލަބީބު ވަނީ 15،633 ވޯޓާ އެކު އިންތިހާބުގައި ތިންވަނަ ހޯއްދަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް