ads
މިދިޔަ ހުކުރުދުވަހުގެ ހަވީރު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހު ކެމްޕެއިން ހަރަކާތުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ - ފޮޓޯ:އެމްޑީޕީ
ބައެއް ޕާޓީތަކުން ގުޅޭނެކަމުގެ ފެހި ސިގުނަލް ވަނީ ލިބިފައި: ރައީސް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާއިރު ބައެއް ސިޔާސީ ޕާޓީތަކުން ރައިސް ސޯލިހަށް ތާއީދު ކުރާނެކަމުގެ ފެހި ސިގުނަލް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ބައެއް ޕާޓީތަކާ އެކު އިއްޔެ ވާހަކަ ދެކެވިފައިވާ ކަމަށާއި އެކުގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް އިއުލާނު ކުރެވޭ ހިސާބަކަށް އަދި ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ވާދަވެެރި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 100،723 ވޯޓު ހޯއްދެވިއިރު، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،126 ވޯޓެވެ.

ރައީސް ނަޝީދު ފަހަތުގައި ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިލްޔާސް ލަބީބު ވަނީ 15،633 ވޯޓާ އެކު އިންތިހާބުގައި ތިންވަނަ ހޯއްދަވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެތިން ޕާޓީއަކުން އެމަނިކުފާނާ ގުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

"ދެން އޮންނަ މަސައްކަތަކަށް ވާނީ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ ދެ ބަޔެއް ނުވަތަ ތިން ބަޔެއް އަޅުގަނޑުމެންނާ އެކީގައި ދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" - ރައީސް ސޯލިހު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ. ފަސްވަނައަށް އެންމެ ގިނަ ވޯޓު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިލެއްވިއިރު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމަށާއި އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް މައުމޫނާއި ހަސަން ޒަމީލަށްވެސް މަދު އަދަދެއްގެ ވޯޓު ލިބިވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް