ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދު ﷲ ޖާބިރު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ އެމްޑީޕީ އާ އެއް ފިކުރެއްގައި ތިބި ރައްޔިތުންގެ ވޯޓު ކަމަށެވެ.
އެމްޑީޕީ އަށް ދިމާވި މައްސަލައަކީ ޕާޓީ ދެބައިވުންކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވެފައިވަނީ ފިކުރު އެއްކޮށްފައި ބޭއްވުން މުހިންމު ކަމަށާއި އެ ކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
ޖާބިރުގެ އެ ވާހަކަތައް ހުއްޓުވައި، ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދެން އެކަން އެގޮތަށް ވާން ނެތް ކަމުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ ދެވަނައެވެ. ތިންވަނައަަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސް (ޑިމޮކްރެޓްސް) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބެވެ.