ads
އެމްޑީއެން ރިޕޯޓް
އެމްޑީއެން އުވާލުމާ ދެކޮޅަށް އިބުރާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް- އެމްޑީއެން އުވާލި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެމްޑީއެންގެ އެއް ފައުންޑަރު ޝަހިންދާ އިސްމާއިލް އަދި މަންދު ކޮލެޖުގެ ފައުންޑަރު އިބްރާހިމް އިސްމާއިލް - އިބްރާގެ ފަރާތުންނެވެ.

އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ މިއަދުއެވެ. ހައިކޯޓުގެ ރަޖިސްޓްރާ ސޮއިކޮށް އެ މައްސަލަ ބޭރުކޮށްލިއިރު ބުނެފައިވަނީ އެ މައްސަލަ ދަށު ކޯޓުން ނިންމި ނިންމުމުގައި ގާނޫނާއި ހިލާފު ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އަދި އެ މައްސަލަ ހުށަހެޅުމުގެ މަސްލަހަތެއް އިބުރާގެ ނުވެސް ނެތް ކަމަށެވެ.

އެމްޑީއެން އުވާލުމުން އެ މައްސަލަ ޝަހިންދާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ސިވިލް ކޯޓުން ޝަހިންދާއާ ދެކޮޅަށް ނިންމީ މިދިޔަ މާރިޗު މަހުއެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން އެމްޑީއެން ރަސްމީކޮށް އުވާލުމުން އެ ނިންމުން ބާތިލުކުރަން ޝަހިންދާގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަލީ އާދަމް ނިންމެވީ، ޔޫތު މިނިސްޓްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

އެ ޖަމްއިއްޔާ އުވާލަން ނިންމީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނެވެ.

އެމްޑީއެން އުވާލާފައިވަނީ އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާއި ގުޅިގެން ސަސްޕެންޑުކުރުމަށް ފަހުއެވެ. އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި، ގުރުއާނުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކަ އެކެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި އެ ރިޕޯޓްގައި ހަޖޫ ޖަހާފައިވެއެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ވެސް އެންގިއެވެ. ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ފުލުސް އޮފީހަށް ހާޒިރުވީ ކަމެއް އެނގިފައެއް ނެތެވެ. ދެ މީހުން ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް