ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރައްވައި، ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލި ކޯލިޝަން އެއްބްސްވުމުގައި ސޮއި ކުރުމަށް މީރުމާ ރެޒިޑެންސްގައި ބޭއްވި ރަސްމިއްޔާތަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވައި ނާޒިމް ވިދާޅުވީ، ކޯލިޝަން އެއްބަސްވުން އެކުލަވާލީ ގައުމީ ވިސްނުމުގައި ކަމަށާއި، އެއްވެސް ހާލެއްގަ ސަރުކާރު ބަހާކަށް ނޫންކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްވަސްވުމުގައިވެސް އެކަހަލަ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެކަމަށާއި، ހަމައެކަނި، އޮންނާނީ ދެޕާޓީ އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރުން ކަމަށް ނާޒިމު ވިދާޅުވިއެވެ.
ނާޒިމް ފްރޭމް ކޮށް ހައްޔަރު ކުރީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކަމަށާއި އެކަން ހަނދާން ނައްތާލީތޯ ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ، އެއީ މާޒީ ކަމަށާއި، މާޒީގައި އަބަދު ހިފަހައްޓައިގެން ގައުމެއް ނުހިންގޭނެ ކަމަށެވެ. އަދި މިއީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތަށް މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށާއި، އެހެންކަމުން ދެން ކުރިއަށްދާނީ ގައުމީ ވިސްނުމުގައި ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޑރ.މުއިއްޒު އާއެކު ދެ ވެރިކަމެއްގަ ކެބިނެޓްގަ މަސައްކަތް ކުރެވިއްޖެ ކަމަށާއި، އަދި ސިޔާސީ މަސައްކަތުގެ ބޭރުން ދެ ޕްރޮޖެކްޓެއްގައި އިންޖިނިއަރިންގް މަސައްކަތުގައި ވެސް ޑރ.މުއިއްޒުއާއެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި، އެހެންކަމުން ޑރ.މުއިއްޒަކި ކޮން ބޭފުޅެއްކަމާއި، ކިހާ ގާބިލު ބޭފުޅެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެމްއެންޕީގެ މަސައްކަތާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ޑރ.މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެންޕީއާ އެކު ކުރިއަށް އޮތް ފަސް އަހަރަށް ކޯލިޝަނެއް ހެދީ މާ ބޮޑެތި ޝަރުތުތަކަކާ އެކު ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ބުރުގައި ވާދަ ކުރާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.