ads
އާ ޖޯޝާއެކީ ކުރިއަށް ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ: ވިދާޅުވީ އިންތިހާބު ބާތިލު ކުރާ މިންވަރަށް ބާތިލު ވޯޓު އެބައޮތް ކަމަށް - ފޮޓޯ:އެމްޑީޕީ
އިންތިހާބު ބާތިލު ކުރާ މިންވަރަށް ބާތިލު ވޯޓު އެބައޮތް: މާރިޔާ
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި އިންތިހާބުގައި ބާތިލު ވޯޓު ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އާންމުކޮށްފައިވާއިރު، 225،486 ވޯޓުގެ ތެރެއިން 4،835 ވޯޓަކީ ބާތިލު ވޯޓު ކަމަށް އީސީން ވަނީ ކަނޑައަޅާފައެވެ. ގިނަ ވޯޓުތައް ބާތިލުވެފައިވަނީ ފާހަގަ މަތިން ދެވަނަ ފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނާއި ފާހަގަ ރަނގަޅަށް ނުގުޅި ހުރުމުންނެވެ. އީސީގެ އުސޫލުގައިވާ ގޮތުން އެއް ފާހަގައަށްވުރެ ގިނަ ފާހަގަ ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ ވޯޓު ބާތިލުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށް ރޭ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓަށް ގޮސްގެން އިންތިހާބު ބާތިލު ކުރާ މިންވަރަށް މި އިންތިހާބުގައި ބާތިލު ވޯޓު އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށާއި މަސައްކަތްކުރާނީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދުމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކަނޑައެޅިގެން އެއީ ހެޔޮ ފާހަގަކަން އެނގޭއިރުވެސް ތިމަންނަމެންގެ ގަވައިދު ތަން ނުދެއޭ ކިޔާފައި ވޯޓު ބާތިލުކޮށްފައި އެބަ ހުއްޓޭ. ބައްލަވާ އިލެކްޝަން ކޮމިޝަންގެ މެންބަރުން އިންނަންވީ ނޫންތޯ އެތާ ތި މޮޅު ފާހަގަ ޖައްސަވަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ފާހަގަ ޖަހާކަށް ނޭނގެއޭ،" - ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ

އިންތިހާބުގެ އިންތިޒާމްތައް އީސީން ހަމަޖައްސާފައިވަނީ ދޯދިޔާކޮށްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވި ގޮތުގައި ފުރޮޅުލީ ގޮނޑީގައި ވޯޓުލާން ވަދެވޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި ދުވަސްވީ މީހުން އިށީނދެ ތިބޭނެ ގޮތެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މީގެ ކުރިން 65 އަހަރުން މަތީގެ މީހުންނަށް އަވަހަށް ވޯޓުލެވޭ ގޮތް ހަދައިދޭ ކަމަށެވެ. އެތައް އިރަކު ކިއުގައި މަޑުކޮށް ވޯޓު ނުލެވި ގެއަށް ދިޔަ އެތައް ފަރާތެއް އެބަތިބި ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކިތައް ފަހަރަތޯ ކިޑްނީ ބަލި، ނޭވާ ހިއްލާ މީހުން ތިން ގަޑިއިރު ކިއޫތަކުގައި ތިބެފައި ނުލެވިގެން ގެއަށް ދާން ޖެހުނީ. އެހެންވިޔަސް އަޅުގަނޑުމެން ނުދަމޭ ސުޕްރީމް ކޯޓަކަށް،" - ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް