ސްރީ ލަންކާގެ ހުރިހާ ހިސާބަކަށް މިއަދު ހަވީރު 6 އިން ފެށިގެން ކާފިއު އިއުލާން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

Advertisement
ކާޕިއު އިއުލާނުކޮށްފައި ވަނީ މިއަދު ހަވީރު ސްރީލަންކާ ގަޑިން 18:00 އިން 23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ ގަޑިން 06:00 އަށް އެ ގައުމުގެ ހުރިހާ ސަރަހައްދަކަށެވެ.
ލަންކާގައި ކާފިއު އިއުލާނުކޮށްފައި ވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންނެވެ.
ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން އެކަމަށް ސަމާލުވުމަށް އެދިފަ އެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓާ ކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.