ads
އައިޖީއެމްއެޗުގެ ބައެއް ނަރުހުން
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރައާއި ގުޅޭ ޝަކުވާތައް ރައީސް ހައްލުކޮށް ދެއްވައިފި
ނޭޝަނަލް ޕޭ ހާމަނައިޒޭޝަންގެ ގެ ދަށުން، މީގެ ކުރިން ބަދަލު ގެނެސްފައިވާ ތައުލީމީ އަދި ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް، ރައީސުލްޖުމްހޫރިއްޔާ އަނެއްކާވެސް ބަދަލު ގެންނަވައިފިއެވެ.

ސަރުކާރުގެ ހުރިހާ މުވައްޒިފުންގެ މުސާރަ ހާމަނައިޒުކުރުމަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގެ މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑަށް މީގެ ކުރިން ގެނެވުނު ބަދަލާއެކު މުސާރައަށް އިތުރުކުރިއެރުން ތަކެއް އައި ނަމަވެސް، އެ ދެ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒިފުންގެ ފަރާތުން ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވެއެވެ. 

މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، މި އެލަވަންސް މިހާރު ލިބޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ. 

މީގެ ދުވަސްކޮޅެއް ކުރިން މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ނަރުހުންގެ ފަރާތުން، މުސާރައިގެ އޮނިގަނޑަށް ގެނެވިފައިވާ ބަދަލާއި ގުޅިގެން ކަންބޮޑުވުންތައް ހިއްސާކޮށް، ނަރުހުންގެ ފަރާތުން ވަނީ ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މިކަމަށް އިޝާރާތްކުރައްވައި މިއުވާން ވިދާޅުވީ، ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަންގައިވާ ކަންކަމަށް ހައްލެއް ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ނަރުހުންނަށް ވެސް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތް ކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް، ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް ރައީސް ނިންމަވާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވި ގޮތުގައި 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އާ ހަމައަށް އިތުރު ކުރުމަށާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދިނުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި މަހު ކަނޑައެޅި މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 މީހުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭ ގޮތުން ވެސް ރައީސް ނިންމުންތަކެއް ނިންމަވާފައިވާ ކަން ފާހަގަ ކުރައްވާ މިއުވާން ވިދާޅުވީ އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތް ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާންކޮށްފައި ވާތީ އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.

ރައީސް މި ނިންމެވުންތައް ނިންމަވާފައިވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު އަދި އެ ބޭފުޅުންގެ ލަފާގެ މަތީން ކަމަށްވެސް މިއުވާން ވިދާޅުވެފައިވެއެވެ.

އެހެންކަމުން ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސް ދެއްވުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ 13 ސެޕްޓެމްބަރުގައި އަންގަވާފައި ކަމަށާއި، އަދި މި ނިންމެވުންތަކާއެކު، ނަރުހުންނާއި ޑޮކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒިފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް