ads
ނާޒިމް އއ.ފެރިދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
ރައިީސް ޔާމީނު މިނިވަން ކުރަން ބޮޑަށް އެދެނީ އަޅުގަނޑު: ނާޒިމް
ކުރީގެ ރައީސް ޔާމީނު މިނިވަންކުރުމަށް އެއްމެ ބޮޑަށް ބޭނުންވަނީ އޭނާ ކަމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންސީ އާއި އެކު ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއް އެކުލަވާލެއްވުމަށްފަހު، ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯއްދެއްވުމަށް ނާޒިމް އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު އއ. ފެރިދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާ ބޭފުޅުން ޖަލުގައި ތިއްބެވުމަކީ އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫންކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން،" ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސެލެކްޓިވް ޖަސްޓިސްގެ ތެރެއިން ކުރެވޭ ހުކުމްތަކަކީ "ހަރާމް ހުކުމް" ތަކެއް ކަމަށާއި، އެއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ދޮގު ވާހަކަތައް ދައްކައި އިދިކޮޅަށް ތާއީދުކުރާ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓައިލުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

އަދި އެމްއެންޕީން އެންމެ އިސްކަންދީގެން ކުރާ މަސައްކަތަކީ ގައުމު މިއަދު އޮތް ހާލަތުން ސަލާމަތްކުރުމުގެ މަސައްކަތްކަމަށާއި، އެ މަސައްކަތުގައި އިދިކޮޅު ކޯލިޝަނާއެކު އެއްބަސްވުމެއް އެކުލަވައިލައި ކުރިއަށްދާއިރު އެއްވެސް ޝަރުތެއް ނޯންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް އަކީ ރައީސް ޔާމީނު ވެރިކަމަށް އިންތިހާބުވުމަށްފަހު އެކުލަވާލެވުނު ކެބިނެޓްގެ އެއްމެ ފުރަތަމަ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅާއެވެ. އެހެންނަމަވެސް، ވަކި ހިސާބަކުން، ރައީސް ޔާމީނާއި ހިޔާލު ތަފާތުވެ، ދެބަސްވުމުގެ ތެރޭގައި ހުންނަވަނިކޮށް، ނާޒިމް ގެ ގެކޮޅުން ފިސްތޯލައެއް ފެނުނުކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށް ޖަލަށް ލެވުނެވެ.

ފިސްތޯލަ ފެނުނުކަމަށް ބުނެވުނު ރޭގެ ފަހުން، ޖަލަށް ގެންދެވުމުގެ ކުރިން، ބޭއްވެވި ޕްރެސް ކޮންފަރެންސް އެއްގައި ނާޒިމް ވިދާޅުވީ، އޭރު މިގައުމުގެ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ޑިފެންސް މިނިސްޓަރުގެ ގެއަށް ބަޔަކު ވަދެ، ހަތިޔާރު ފަދަ ތަކެތި ބަހައްޓާ ފްރޭމް ކުރުން ފަދަ ކަންތައް ކުރައްވާނަމަ، ރައްކާތެރިކަން އޮތް މިންވަރު ދައްކުވައިދޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެއަށް ފަހު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކުރަން އެކުލާވާލެވުނު ކޯލިޝަންގައި ނާޒިމްގެ އިސްދައުރެއް ފެނިގެން ދިޔައެވެ. އަދި ޖަލުން މިނިވަންވުމާއެކު، ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާ އެ ޕާޓީގެ ޓިކެޓް ގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ އަށް އިންތިހާބުވެވަޑައިގަތެވެ. އެހެންނަމަވެސް އޭގެ ފަހުން، ޖޭޕީ އިން ވަކިވެ ވަޑައިގެންނެވުމަށްފަހު އަމިއްލަފުޅު އިސްނެންގެވުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީ އެއް އުފެއްދެވިއެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް