ads
އިދިކޮޅު ޕީޕީއެމްގެ އެއްވުމެއްގެ ތެރެއިން: އެއްވުން މަނާ ކުރާ މާއްދާ އުވާލަން ހުށަހަޅާފައި އޮތް ބިލު ފާސްކުރަން އެޗްއާރުސީއެމުން ވަނީ ގޮވާލާފައި - ފޮޓޯ:ރައްޒާން
އެއްވުން މަނާ ކުރާ މާއްދާ އުވާލާ ބިލު ފާސްކުރަން ގޮވާލައިފި
ކުރިން އެންގުމަކާ ނުލައި މާލޭގައި އެއްވުން މަނާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު އުވާލުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކުރިން އެންގުމަކާ ނުލައި، ހުއްދަ ހޯދުމެއް ނެތި އެއްވުން މަނާކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ރާއްޖޭން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާ ހިލާފަށް ކަމަށެވެ.

"ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު މިހާރު ހަނިކޮށްފައި ވަނީ އިސްވެ ހަވާލާދެވުނު ގާނޫނު އަސާސީގެ މާއްދާ އާއި [އައިސީސީޕީއާރުގެ] ޖެނެރަލް ކޮމެންޓު 37 އާ ތައާރަޒުވާ ގޮތަށް ކަމުގައި މި ކޮމިޝަނުން ފާހަގަކުރަން،" އެޗްއާރުސީއެމްގެ ބަޔާނުގަައިވެއެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުން މަނާ ކުރާ މާއްދާ އުވާލުމުގެ ބިލު 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެޗްއާރްސީއެމުން ބުނި ގޮތުގައި އެ އިސްލާހު އުވާލުމަށް ހުށަހަޅާފައިވާ ބިލު އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެ ކޮމިޝަނުން އެދިފައިވާނެ ކަމުގައެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާ ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހު، އޭރުގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް