
ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވާ ގޮތުން ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނަށް ޓަރގެޓްކޮށްގެން ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ހިދުމަތަކަށް ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ.
އަދި މިމައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއް ކަމަށް ބުރަވެވޭ ފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމައުލޫމާތު ލިބުނު ފަރާތެއް ހިއްސާކުރުމަށް އުޒުރުވެރިވެފައިވާ ކަމަށާއި، އެހެންކަމުން މިމައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސަށް ބަލާއިރު އެއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. .