ކޮކާ-ކޯލާ މޯލްޑިވްސްއިން ބުނީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ވޮލަންޓިއަރުންނެއް، ގޮނޑުދޮށްތަކާއި ކަނޑުތަކުން ކުނި ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް، ދަ ކޮކާ-ކޯލާ ކޮމްޕެނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (އެމްއޭޑަބްލިއުސީ) ނުވަތަ ކޮކާ-ކޯލާ މޯލްޑިވްސް އާއި އެ ކުންފުނީގެ ޕާޓްނަރު، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަށް ކޮންމެ ދުވަހަކީ ސާފުކުރާ ދުވަހެއް އަދި އެކަމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ ޝިއާރު ކަމަށްވާ 'ކުނި ނެތް ކަނޑުތަކެއް' އިން ދޭހަވާ ގޮތަށް، ޕްލާސްޓިކް މަދުކޮށްގެން ކުނިބުނިން ރައްކާތެރިވެފައިވާ ކަނޑުތަކެއްގެ ލަނޑުދަނޑި ހާސިލުކުރުން ކަމަށެވެ.
މޯޕާ އާއި ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސްއިން 2021 ވަނަ އަހަރުން ފެށިގެން އަންނަނީ ސައްތައިންސައްތަ ރީސައިކަލް ކުރެވޭ އަދި އެކި ބޭނުންތަކުގައި ބޭނުންކުރެވޭ ޕެޓް ޕްލާސްޓިކް ފުޅި އެއްކުރުމާއި ރީސައިކަލް ކުރުމުގެ ތަފާތު މަޝްރޫއުތައް ހިންގަމުން ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާ ބުނެފައިވަނީ މި މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން ވަނީ ފާއިތުވި ދެ އަހަރާބައިގެ ތެރޭގައި 200،000 ކިލޯއަށް ވުރެ ގިނަ ޕެޓް ފުޅި އެއްކޮށް، އެ ތަކެތި ކުނިކޮށިތަކުގައި ނުވަތަ ކަނޑުގައި ނިމިގެން ނުދާނެކަން ކަށަވަރުކޮށް، އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ ޝިއާރު ކަމަށްވާ 'ކުނި ނެތް ކަނޑުތަކެއް' ހޯދުމަށް އެއްބާރުލުން ދީފައި ކަމަށެވެ.
މި މަޝްރޫއުތަކަކީ އެ ކުންފުނިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ ދަ ކޮކާ-ކޯލާ ކޮމްޕެނީގެ ބައިނަލްއަގުވާމީ ސިޔާސަތު ކަމަށްވާ 'ވޯލްޑް ވިތައުޓް ވޭސްޓް' އާ ގުޅިލާމެހިފައިވާ މަޝްރޫއުތަކެއް ކަމުގައެވެ. އެ ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާއިރަށް، ވިއްކާ ކޮންމެ ފުޅިއެއް ނުވަތަ ދަޅެއްގެ ބަދަލުގައި އެފަދަ ދަޅެއް ނުވަތަ ފުޅިއެއް އެއްކޮށް ރީސައިކަލްކޮށް، 2025 ވަނަ އަހަރުގެ ނިޔަލަށް ޕެކޭޖިންގެ 50 އިންސައްތައަކީ ރީސައިކަލް ކުރެވޭނެ ތަކެތި ކަމަށް ހެދުމަށް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
ކޮކާ-ކޯލާއިން ބުނީ އެ ކުންފުންޏާއި މޯޕާ ގުޅިގެން ޕްލާސްޓިކަށް ވަށާ ޖެހޭ އިގުތިސޯދެއް ގާއިމްކުރުމަށާއި ކަނޑުތައް ސާފުކުރުމުގެ މަގުސަދުގައި ބޮޑު ތިން މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނައިރު، ކަނޑުގައި ދިރިއުޅޭ ހުރިހާ އެއްޗަކަށް #ސީދަޗޭންޖު ކުރެވޭނެ ކަމަށެވެ.
ފުރަތަމަ މަޝްރޫއަކީ ރާއްޖޭގެ ވެރިރަށް މާލެ އާއި ޖެހިގެން އޮންނަ ސިޓީ ހުޅުމާލެ އަދި އެންމެ ދެކުނުން އައްޑޫ ސިޓީން ޕެޓް ފުޅި އެއްކުރުމަށްފަހު، އެ ތަކެތި ރީސައިކަލް ކުރުމަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ހިންގާ ރިވާސް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި 2021 ވަނަ އަހަރު މި މަޝްރޫއު ފެށިފަހުން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ގާތްގަނޑަކަށް 150،000 ކިލޯގެ ކުނި އެއްކޮށްފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ކުނި އެއްކުރާ ފަރާތްތަކަށާއި އެކި ތަންތަނަށް ގެންގޮސްދޭ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ލިބިގެންދާ ކަމުގައެވެ.
ދެވަނަ މަޝްރޫއަކީ ރާއްޖޭގެ އެކި އަތޮޅުތައް ހިމެނޭ ގޮތަށް މި ވަގުތު ހަތަރު ރަށެއްގައި ކުރިއަށް ގެންދާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ގޭބިސީތަކާއި ފިހާރަތަކާއި ސްކޫލްތަކާއި އެހެނިހެން ތަންތަނުން ބޭނުންކުރުމަށްފަހު ދޫކޮށްލާ ޕެޓް ފުޅި އެއްކޮށް، އިތުރަށް ޕްރޮސެސް ކުރުމަށް މާލެއަށް ފޮނުވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 60،000 ކިލޯގެ ކުނި އެއްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނީ ކުނި ރަނގަޅަށް ބެލެހެއްޓުމާއި ރީސައިކަލް ކުރުމުގެ މުހިންމުކަމާ މެދު ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްތައް ކުރެވޭ ކަމަށެވެ.
މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް، މޯޕާއިން ދާދިފަހުން ވަނީ ރާއްޖޭގެ ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރުއެފް) އިފްތިތާހުކޮށްފައި ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ރީސައިކަލްކުރުމާއި ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމާއި ރީސައިކަލް ކުރެވޭ ތަކެތީގެ އުމުރު ދިގުކޮށް، ވަށާ ޖެހޭ އިގުތިސޯދެއް ކުރިއެރުވުމުގައި އެމްއާރުއެފްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ހަރަދުކޮށްގެން އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ގާއިމްކުރި އެމްއާރުއެފްގައި ޕެޓް ޕްލާސްޓިކް ކުނި ސޯޓްކޮށް އަދި ބޭލްކުރުމަށް ފަހު ރީސައިކަލް ކުރުމަށް ބޭރަށް ގެންދިއުމަށް ބޭނުންވާނެ ސާމާނާއި އާލާތްތައް ގާއިމްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނި ގޮތުގައި ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، މުޖުތަމައު ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގައިވެސް އެހީތެރިވެދޭ ކަމުގައެވެ.
ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ފަދަ ފަރާތްތަކާ ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އާއި މޯޕާއިންވެސް އަންނަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީ، އެއްބާރުލުމާއި އީޖާދީ ވިސްނުން ކުރިއަށް ނެރުމުގެ ސަގާފަތެއް އާލާކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ މި މަޝްރޫއުތަކުގެ ސަބަބުން ޕެޓް ފުޅި އެއްކުރުމާއި ސޯޓްކުރުމާއި އެކި ތަންތަނަށް ގެންދިއުމުގައި ހަރަކާތްތެރިވާ އާންމުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ލިބިގެންދާ ކަމަށެވެ. އޭގެއިތުރުން މި މަޝްރޫއުތަކުގެ ސަބަބުން ރީސައިކަލް ކުރުމުގެ ފައިދާތަކާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުވެ، ސާފު އަދި ފެހި މުސްތަގުބަލަކަށް ފިޔަވަޅު އެޅުމަށް ބާރުއަޅާ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރާއިރު، ކޮކާ-ކޯލާ މޯލްޑިވްސް އާއި މޯޕާއިން ދައުވަތު ދެނީ މި ހަރަކާތާއި އޭގެ ކުރިންނާއި ފަހުން ވެސް #ސީދަޗޭންޖުއަށް ކުރާ މަސައްކަތުގައި ބައިވެރިވެ، 'ކުނި ނެތް ކަނޑުތަކެއް' ކަށަވަރުކުރުމަށެވެ.