ފާރިސްވަނީ އެކްސްގައި ޕީއެންސީ/ޕީޕީއެމަށް އަދި ވެރިކަން ކުރާ އެމްޑީޕީއަށް ހުށަހެޅުއްވި ޝަރުތުތައް ވެސް އާއްމުކޮށްފައެވެ.
ޕީއެންސީ/ޕީޕީއެމާއި، އެމްޑީޕީއަށް ވެސް ފާރިސް ހުށަހަޅުއްވާފައިވަނީ އެއް ކަންތައްތަކެކެވެ. ނަމަވެސް އެމްޑީޕީން އޭގެތެރެއިން ބައެއް ކަންތައްތައް ވަގުތުން ތަންފީޒު ކުރަން ފަށަން ޖެހޭނެ ކަމަށް ފާރިސް ޝަރުތު ކުރައްވާފައިވެއެވެ. ޕީއެންސީ/ޕީޕީއެމުން އެކަންތައްތައް ފަށަން ޖެހެނީ ވެރިކަމުގެ ފުރަތަަމަ 50 ދުވަހާއި ފުރަތަމަ 100 ދުވަސް ތެރޭގައެވެ.
ފާރިސް ހުށަހަޅުއްވާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި، އެއްވެސް ގައުމެއްގެ ސިފައިން ތިބި ނަމަ އެކަމެއް ހާމަ ކުރުމާއި، އުތުރުތިލަފަޅާއި، އައްޑޫ އަދި ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުމާއި، ޕޮލިސް އެކަޑެމީގެ އެއްބަސްވުން މަޖިލީހަށް ހާމަ ކުރުމާއި، ޗާގޯސް މައްސަލާގައި ސްޓޭންޑު ބަދަލުކޮށް، އިޓްލޮސްގެ ނިންމުން މުރާޖައާ ކުރުމާއި، ރިޔާސީ ނިޒާމު ނޫން ނިޒާމަކަށް ތާއީދު ނުކުރުމާއި، ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލާ، ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމާއި، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް، މުސާރަ ކުޑަކޮށް، މެންބަރުން ވަކި ކުރެވޭ ގޮތަށް ހެދުން ހިމެނެއެވެ.
އޭގެއިތުރުން މަޖިލީހުގައި އަންހެން މެންބަރުން ހާއްސަ ކޯޓައެއް ހަމަޖެއްސުމާއި، ޖޭއެސްސީ އިސްލާހު ކުރުމާއި، ޖިނާއީ އަދުލުގެ ނިޒާމު ސިޔާސީ ނުފޫޒުން އެއްފަރާތް ކުރުމާއި، ސިވިލް ސާވިސް އޮނިގަނޑު އިސްލާހު ކުރުމާއި، ސިޔާސީ މަގާމުތައް މަދު ކުރުމާއި، ރިޔާސީ އިންތިހާބަށް ހަމަހަށް ވުމުން މަޝްރޫއުތައް ނުފެށޭ ގޮތަށް ބަދަލު ކުރުމާއި، ސަލާމަތީ ހިދުމަތްތައް ސިޔާސީ ނުފޫޒުން އެއްފަރާތް ކުރުމާއި، ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ބަލައި އާއިލާތަކަށް 100 ދުވަހުގެ ތެރޭގައި އިންސާފު ހޯދާ ދިނުން ހިމެނެއެވެ.