އޭއެފްސީ ކަޕުގައި މި އަހަރު މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ މެންދުރު ފަހު ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރަސްމީ ބޯޅަ ދަނޑުގައެވެ. މެޗު ފަށަން ކަނޑައަޅާފައިވާ ގަޑިއަކީ މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ.
މާދަމާގެ މެޗަށް ނުކުންނައިރު، ބަޝުންދަރާ ކިންގްސްއަކީ ވަރުގަދަ ޓީމެއްކަން އެނގޭކަމަށް މިލޯވަނީ ބުނެފައެވެ. މިއަދު އޮތް ރަސްމީ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިލޯ ބުނީ، އިދިކޮޅަށް ނުކުންނަ ބަޝަންދުރާ ކިންގްސްއަކީ ވަރުގަދަ ޓީމެއް ނަމަވެސް މާޒިޔާ ތައްޔާރުވާނީ ބިރެއް ނުގަނެ ކަމަށެވެ.
އަނެއްކޮޅުން އޭއެފްސީ ކަޕާ ކުރިމަތިލާއިރު ރާއްޖޭގެ ލީގުގައި ވާދަވެރި މެޗުތަކެއް ކުޅެން ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް މިލޯވަނީ ބުނެފައެވެ. މާޒިޔާ އެންމެ ފަހުން ލީގުގައި މެޗެއް ކުޅުނީ މިދިޔަ މަހުގެ 23 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. އޭގެ ދެ ހަފްތާ ކުރިން ވަނީ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެ އެއްވަރު ވެފަ އެވެ.
މާޒިޔާ އިން ވަނީ މިދިޔަ ދެ އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ކުޅުނުއިރު ބަޝުންދަރާއާ ދެކޮޅަށް ކޮންމެ އަހަރަކު ވެސް ކުޅެފަ އެވެ. 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 އިންނެވެ. މިދިޔަ އަހަރު އިންޑިއާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 އިންނެވެ.
މާޒިޔާ ގްރޫޕްގައި ބަޝުންދަރާގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި އޮޑިޝާ އެފްސީ އެވެ.