ads
ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭނު އިވެންޓެއްގެ ތެރެއިން
އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ އެހާ ޕްރެކްޓިކަލް ކަމެއް ނޫން: ރައީސް
މި މަހު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ އެހާ ޕްރެކްޓިކަލް ކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނޮވެމްބަރު 30ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރު ހުށަހަޅައިފަ އެވެ. މި ގަރާރު ހުށައެޅުއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓާ އެކު ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެކަން އަވަސްކުރުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.

"ހުޅުދޫ [ދާއިރާގެ] މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައި އޮތް ދިވެހިރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ގަރާރު، މިވެސް 13 ސެޕްޓެމްބަރުގައި ހުށަހެޅިފައި ވަނީ. އެހެން ނަމަވެސް މިހާރު މާދަމާ އެއަށް ބަހުސްކުރެވޭ ގޮތަށް މިއޮތީ ފުރުސަތު ލިބިފައި. އެއީ ހައުސް މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެފައި ވާތީ،" ނަޝީދު ވިދާޅުވި އެވެ.

އަދި މިކަމާ ގުޅިގެން ރައީސް ސޯލިހާއި ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވާ ރައީސް ނަޝީދު އާއި 2 ބޭފުޅުން އިއްޔެ ވަނީ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފަ އެވެ.  

އެ މަނިކުފާނު ވިދާޅުވީ ނަޝީދާ ފޯނުން އިއްޔެ ވާހަކަ ދެއްކެވީ ދުވަސްތަކަށްފަހު ކަމަށް ވިޔަސް، ދެ ބޭފުޅުން މާ ދުރުގައި ތިބި ތަނެއް ފެނިވަޑައިނުގެންނެވި ކަމަށެވެ.

"ކުރިއެކޭ އެއްގޮތަށް ހަމަ ފުރަތަމަ ވެސް ފަށައިގަނެވުނު ވާހަކަ ދައްކަން. މި އުޅެނީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއް. އިއްޔެ ވާހަކަދެކެވުނީ މުޅިން މިކަމާ ގުޅޭގޮތުން،" ރައީސް ވިދާޅުވި އެވެ.

އިންތިހާބުގެ ކެމްޕޭނަށް މާލޭގެ ގެތަކަށް ދޮރުން ދޮރަަށް ހިނގުމުގެ ހަރަކާތުގެ ތެރެއިން މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ 2 ބޭފުޅުންގެ މެދުގައި ބޮޑަށް މަޝްވަރާކުރެވުނީ ނިޒާމީ ވޯޓާއި ގުޅިގެން ކަމަށެވެ. 

ނަޝީދު ބޭނުންވެވަޑައިގަންނަވަނީ 2 ވަނަ ބުރުގެ ވޯޓުގެ ކުރިން ނިޒާމީ ވޯޓެއް ނެގުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ "ޕްރެކްޓިކަލް" ކަމެއް ނުވަތަ ކުރެވޭނޭ ކަމެއް ނޫން ކަމަަށް ނަޝީދު އަރިހުގައި ވިދާޅުވި ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނަގާނެ ތާރީހެއް ކަނޑައެޅުމަށް ހިޔާލު ހުށަހެޅުއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެއީ [އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ ] އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެނޭތޯ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގަރާރު ފާސްކޮށް، އެ ގަރާރު ފޮނުވުމުން، އެމަނިކުފާނު އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 އިންސައްތަ އެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 އިންސައްތަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް