
މާޒިޔާއަށް ކުޅެމުން އަންނަ ހަމްޒާއަށް ދިވެހިންގެ އިތުރުން ސަރަހައްދީ އެހެން ކްލަބުތަކުގެ ކޯޗުންގެ ތައުރީފުވެސް އަބަދުވެސް އަންނަނީ ލިބެމުންނެވެ. ހަމްޕުއަށް ތައުރީފު ކުރާ ބިދޭސީ ކޯޗުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ހަމްޕުގެ ކުރީގެ ކޯޗު އޮސްކާ ބްރޫޒޯންއެވެ.
މީގެ ކުރިންވެސް އެކި ފަހަރު ހަމްޕުއަށް ތައުރީފު ކޮށްފައިވާ ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު އަދި މިހާރު ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްގެ ހެޑް ކޯޗު، ސްޕެއިންގެ އޮސްކާ ބްރޫޒޯން ހަމްޕުއަށް އެންމެ ފަހުން ތައުރީފް ކުރީ އޭއެފްސީ ކަޕަށް މާޒިޔާ ތައްޔާރުވެފައިވަނިކޮށެވެ.
ނިއުރޭޑިއަންޓުން މާޒިޔާއަށް ބަދަލުވި ހަމްޕުއަކީ ގައުމީ ޓީމުގެވެސް އަދި މާޒިޔާގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާއަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް، މިދިޔަ ދެ އަހަރުވެސް ހާސިލް ކުރި ކުޅުންތެރިޔާއެވެ.
އޭއެފްސީ ކަޕުގައި މާޒިޔާ ޓީމު ނުކުންނަން ތައްޔާރުވެފައިވާއިރު، އިދިކޮޅަށް ކުޅޭ ހުރިހާ ކްލަބެއްގެ ލޯ އަމާޒުވާނެ ދިވެހި އެއް ކުޅުންތެރިއަކީ ހަމްޕުއެވެ.
ހަމްޕުއަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް ކަމަށް މިދިޔަ އަހަރު، އިންޑިޔާގައި އޮތް އޭއެފްސީ ކަޕުގައި އޭރު އިންޑީޔާގެ ޗެމްޕިއަން ގޯކުލާމް ކެރެލާގައި ހުރި، އަދި މިހާރު ނޭޕާލްގެ ހެޑް ކޯޗުގެ މަގާމުގައިވެސް ހުރި އިޓަލީގެ ވިންޗެންޒޯ އަލްބާޓޯވެސްވަނީ ބުނެފައެވެ. ވިންޗެންޒޯ ބުނި ގޮތުގައި މާޒިޔާގެ ހަމްޒާއަކީ މާޒިޔާ ޓީމުގައި އެންމެ ބޮޑު ތަފާތެއް ދެއްކި ދިވެހި ކުޅުންތެރިޔާއެވެ.
ދިވެހި ގައުމީ ޓީމުގައިވެސް ހިމެނޭ ހަމްޒާވަނީ ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް މީގެ ކުރިންވެސް އެކި ފަހަރު މަތިން އައިސްފައެވެ. އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަށް ނުކުންނައިރު، ހޯމް އެޑްވާންޓޭޖް ނަގައި، ޓީމެއްގެ ގޮތުގައި ކުޅެގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މޮޅުވެވޭނެ ކަމަށް ހަމްޕުވަނީ ބުނެފައެވެ.
ސްކޫލް ދައުރު ނިންމާލުމަށް ފަހު ޒުވާން އުމުރުގައި ހަމްޕު އެންމެ ފުރަތަމަ ފެނުނީ ނިއު ރޭޑިއަންޓުގެ ޔޫތު ޓީމުންނެވެ. އޭގެފަހުން ހަމްޕު ވަނީ ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު ދޫކޮށް ހަމްޕު ބަދަލުވީ މާޒިޔާ އަށެވެ.
ފުރަތަމަ ޑިވިޝަނަށް ހަމްޕު ތައާރަފުވީ ނިއު ރޭޑިއަންޓުގެ ޔޫތު ޓީމާ ގުޅުނު ހިސާބުން 2014 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓުގައި 2018 ވަނަ އަހަރާ ހަމައަށް މަޑުކުރުމަށް ފަހު ހަމްޕު މާޒިޔާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓުގައި ހަމްޕު ވަނީ 2014، 2015 އަދި 2017 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްފަ އެވެ.