
ރިސޯޓުތަކުގެ ކުލި ޖޫރިމަނާ ރީސްޓްރަކްޗަކޮށް، ރޭޓަށް ގެނައި ބަދަލާ އެކު ހަދާ ނުނިމޭ ރިސޯޓުތަކުން ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ވަނީ މާފުވެފައެވެ.
ސަރުކާރުން ބުނީ ރިސޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެ ބޮޑުކޮށް ކަމަށެވެ. އެއީ އަހަރަކަށް 182 އިންސައްތައިގެ ރޭޓުންނެވެ. ބޭންކުތަކުން ނަގާ އިންޓަރެސްޓު ރޭޓުތައް އާންމުކޮށް ހުންނަނީ އެ އަދަދަށް ވުރެ 36 ގުނަ ދަށްކޮށެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފައެވެ. އެގޮތުން މި ސަރުކާރުން ވަނީ 2019 ވަނަ އަހަރު ނިންމައި 2020 ވަނަ އަހަރު ތަންފީޒު ކުރަން ފެށި މި ޖޫރިމަނާ 18 އިންސައްތައަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި ކަމަށް ސަރުކާރުން ބުނެއެވެ.
ކުރީގެ ރޭޓުގައި (180 އިންސައްތަ) އެއް މިލިއަން ރުފިޔާގެ ރިސޯޓު ކުލި ނުދައްކާ ފަރާތަކުން ކުލި އަނބުރާ ދައްކާއިރު އެ އަދަދު ދެ ގުނަވެ، އަހަރެއްގެ ތެރޭގައި ހަމައެކަނި ޖޫރިމަނާ ގޮތުގައި 1.8 މިިލިއަން ރުފިޔާ ދައްކަން ޖެހޭނެއެވެ. އެއީ ކުލީގެ އެއް މިލިއަން ރުފިޔާ ލައިގެން ކަމަށްވާ ނަމަ 2.8 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ބުނެފައިވަނީ މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފު ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއް ކަމަށާއި ޓެކްސް ނިޒާމާ އެކު އައި ބަދަލުތަކާ އެކު ޖޫރިމަނާގެ ރޭޓަށް މި ގެނެވުނު ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާ މާފުކޮށްފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށާއި ކުއްޔާއި ޖޫރިމަނާ މާފުކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހުގެ ތެރެއިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.
މި ބަދަލާ އެކު ހަމައެކަނި އުނިކުރެވިފައި ވަނީ ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އާ ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު ދެވި 18 އިންސައްތައަށް ވުރެ ބޮޑަށް ހުރި ބައި އެކަންޏެވެ.
ފަތުރުވެރިކަމުގެ ބޭނުންތަކަށް އެކި ފަހަރުމަތިން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ރިސޯޓު ހެދުމުގެ މަސައްކަތް މިހާތަނަށް ނުނިމޭ ރަށްތަކުގެ ތެރޭގައި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކާއި އެއްގޮތަކަށްވެސް މަސައްކަތް ނުފަށާ އޮންނަތާ 15 އަހަރުވެފައިވާ ރަށްތައް ހިމެނޭހެން 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނުވަ ރަށެއް ހިމެނެއެވެ.